އިޒްރޭލް ޕާސްޕޯޓު މި ސަރުކާރަށް މަނާ ކުރެވޭނެތޯ އެމްޑީޕީން ސުވާލު އުފައްދައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ސީދާ ރައީސްގެ ރިޔާސީ ގަރާރަކުން ނިންމެވި ނަމަ އެކަމަށް މަރުހަބާ ކިޔުނީސް ކަމަށެވެ.
މީކާއިލް އެހެން ވިދާޅުވީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން އިސްލާހުތަކެއް ގެނައުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމާފައިވަނިކޮށެވެ.
އޭނާ ވިދާޅުވީ އެކަން ކުރެވޭނެ ވަކި މުއްދަތެއް ނޭނގޭ ކަމަށާ ކުރެވޭނެތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ބިލެއް އޮއްވައި ސަރުކާރުގެ ފަރާތުން އިތުރު ބިލެއް މަޖިލީހަށް އަންނަ ވާހަކަ އިވޭ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
މި ހިނގަމުންދާ 20 ވަނަ މަޖިލީހަށް އެމްޑީޕީގެ ފަރާތުން މީކާއިލް ވަނީ އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގާނޫނަަށް އިސްލާހު ގެނައުމަށް ބިލެއް ހުށަހަޅުއްވާފައެވެ.
މީކާއިލް ވިދާޅުވީ މިހާރުވެސް ބިލެއް އޮއްވާ ސަރުކާރުގެ ފަރާތުން އިތުރު ބިލެއް ހަމަ އެކަމަށް ހުށަހަޅަން ނިންމި ނިންމުމާމެދު ސުވާލު އުފެދޭ ކަމަށެވެ.
އަދި އެއީ ރިޔާސީ ގަރާރަކުން ވެސް ކުރެވޭނެ ކަމެއް ކަމަށާ މަޖިލީހުގައި ސަރުކާރުގެ ސުޕަ މެޖޯރިޓީ އެބައޮތްކަން މެންބަރު ފާހަގަކުރެއްވިއެވެ.
އެހެންވީމާ ސީދަ އެ ޕާޓީގެ އެމްޕީއަކަށް އެ ބިލް ހުށަހެޅުއްވޭނެ މިއަދުން މިއަދަށް ވެސް އެކަމަކު އެކަން ދިގުލައިގެންދާ ދިޔުމަކީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް – މެންބަރު މީކާއިލް
އެ ބައްދަލުވުމުގައި އެމްޑީޕީން ވަނީ އިޒްރޭލް ފާސްޕޯޓު މަނާ ކުރުމަށް ގާނޫނު އިސްލާހު ކުރަން ނިންމީ ހެޔޮ ނިޔަތެއްގައިތޯ ވެސް ސުވާލުއުފައްދާފައެވެ.




