ސަރުކާރު ކުންފުނިތަކާ ބެހޭ (އެސްއޯއީ) ކޮމިޓީގެ މުގައްރިރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހަމަޖައްސައިފިއެވެ.
އެ މަގާމަށް ޝުޖާއު އިންތިޚާބުކޮށްފައި ވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ. ކޮމިޓީގެ ނައިބު މުގައްރިރަކަށް ހަމަޖެއްސީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން އެވެ.
ޖުމްލަ 11 މެންބަރުން ތިއްބަވާ އެ ކޮމިޓީގައި ޕީއެންސީގެ 8 މެންބަރުން، އެމްޑީޕީގެ ދެ މެންބަރުން އަދި އެމްއެންޕީގެ އެއް މެންބަރަކު ހިމެނެއެވެ.
އެސްއޯއީ ކޮމިޓީގައި ތިއްބަވާ މެންބަރުން:
- ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު (މުގައްރިރު)
- ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން (ނައިބު މުގައްރިރު)
- މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
- ތޮއްޑޫ ދާއިރާފެ މެންބަރު ހުސައިން ސަމީރް
- ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ
- ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
- ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް
- ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ
- ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދް
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދް
- މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރް
މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އެހެނިހެން ކޮމިޓީތަކަށް ވެސް މުގައްރިރުންނާއި ނައިބު މުގައްރިރުން ހަމަޖައްސަވާފަ އެވެ.
އެގޮތުން މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، 241 ކޮމިޓީގެ މުގައްރިރަކަށް އަހްމަދު ސަލީމް، އިގުތިޞާދީ ކޮމިޓިގެ މުގައްރިރު ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު، ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރަކަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވަނީ ހަމަޖައްސާފަ އެވެ.
އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރަކަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް، ޖުޑިޝަރީ ކޮމިޓިގެ މުގައްރިރު ކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ހަމަޖައްސާފައިވެއެވެ.
އޭގެ އިތުރުން، ޕެޝިޓަން ކޮމިޓީގެ މުގައްރިރު ކަަމަށް ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ، ލާމަރުކަޒީ ކޮމިޓިގެ މުގައްރިރު ކަމަށް މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު އަދި ގަވާއިދު ކޮމިޓީގެ މުގައްރިރު ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވަނީ ހަމަޖައްސާފައެވެ.




