ފެނަކައިން ޚިދުމަތްދޭ ރަށްރަށުގެ އިޖުތިމާއީ ދިއްލުންތަކަށް ބޭނުންކުރާ ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިޔަށްގެންދިޔަ އިންސްޕެކްޝަން ނިންމާލައިިފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ, ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގެ ސްޓްރީޓް ޕޯސްޓް ތައް ޔޫއާރުއޭގެ މިންގަޑަށް ހުރިތޯ ބެލުމުގެ ގޮތުން ކުރި އިންސްޕެކްޝަން ނިމިފައިވާކަމަށެވެ. އަދި، ގަވާއިދަށް ނުފެތޭ ގޮތަށް ހުރި ތަންތަން ރަނގަޅުކުރަން ކައުންސިލްތަކަަށް މުއްދަތެއް ދިނުމަށް ނިންމާފައިވާކަމަށް ފެނަކައިން ބުނެފައި ވެއެވެ.
މި އިންސްޕެކްޝަންގެ ދަށުން، ފެނަކައިން ވަނީ، ކައުންސިލްތަކާއި ބައްދަލުކޮށް، ކައުންސިލްތަކާއި ގުޅިގެން ބަނދަރާއި، މަގުމަތީގައިވާ ބައްތިތަކުގައި ހުރި މައްސަލަތައް ބަލާފަ އެވެ. އެގޮތުން، އެލައިޓުތަކުގައި އީއެލްސީބީ ހަރުކުރެވިފައި ހުރިތޯ ވަނީ ޗެކްކޮށްފަ އެވެ.
ފެނަކައިން މީގެ ކުރިން ބުނެފައިވަނީ، އެ ބައްތިތަކަކީ ކައުންސިލްތަކުގެ ބެލެނިވެރިކަމުގެ ދަށުން ބަލަހައްޓާ، އަދި އެ ކޯޕަރޭޝަނުން ކަރަންޓު ފޯރުކޮށްދެމުން ގެންދާ ބައްތިތަކެއް ކަމަށެވެ. އަދި ކައުންސިލްތަކާ އެއްބަސްވެވޭ ގޮތެއްގެ މަތިން، ދެމެހެއްޓެނިވި ގޮތެއްގައި ފެނަކައިގެ ފަރާތުން އިޖްތިމާއީ ބޭނުމަށް ދިއްލާ ބައްތިތައް ބެލެހެއްޓުމަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 157 އިންޖީނުގެ ގާއިމުކޮށް، ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އިންޖީނުގެތައް ގާއިމުކޮށްފައިވާ ރަށްރަށުގެ މަގުތަކާއި ބަނދަރުތަކުގައި މަގު ބައްތި ދިއްލާ އެއަށް ކަރަންޓު ދިނުމުގެ ޒިންމާ މަތިކޮށްފައި އޮންނަނީ ފެނަކައަށެވެ.



