މިިދިޔަ އަހަރު ކޯޕަރޭޓް ގަވަނެންސްގެ އުސޫލު އެންމެ ރަނގަޅަށް ދަމަަހައްޓައި، އެންމެ ރަގަޅަށް ހިންގި ކުންފުންޏަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) ކަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އިން އާންމު ކުރި ކޯޕަރޭޓް ގަވަރނަންސް ޓްރާންސްޕޭރެންސީ އިންޑެކްސް (ސީޖީޓީއައި) އިން ދައްކައިފި އެވެ.
ކޯޕަރޭޓް ގަވަރނަންސް ޓްރާންސްޕޭރެންސީ އިންޑެކްސް (ސީޖީޓީއައި) އަކީ ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މެދުގައި ހިންގުމުގެ ނިޒާމާ ބެހޭ މައުލޫމާތު ހާމަކުރާ މިންވަރު ދެނެގަތުމަށް އެކުލަވާލާފައިވާ އިންޑެކްސްއެކެވެ. ސީޖީޓީއައިގެ އެކުލަވާލުމުގެ އަމާޒަކީ މިހާރު މައުލޫމާތު ހާމަކުރުމުގައި ހުރި މައްސަލަތައް ދެނެގަނެ، ދައުލަތް ހިއްސާވާ ކުންފުނިތަކުގައި ހެޔޮ ހިންގުމާއި ނަޒާހަތްތެރިކަމުގެ އާދަތަކާއި، ހާމަކަން ކުރިއެރުވުމުގައި ވަކާލާތު ކުރުމަށް ބާރުއަޅާ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރުންކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފައި ވެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އެކުލަވާލި މި ރިޕޯޓުގައި ޖުމްލަ 38 މިންގަޑަކުން ކުންފުނިތައް ވަޒަން ކޮށްފައިވާއިރު، އޭގެ ތެރެއިން 16 މިންގަޑަކީ ކުންފުނިތަކުގެ އަހަރީ ރިޕޯޓުގައި ހިމަނަންޖެހޭ ކަންކަމުގެ މައްޗަށް އެކުލަވާލެވިފައިވާ މިންގަޑުތަކެވެ. ބާކީ ހުރި ކަންކަމަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އާންމުކުރުން ހުއްދަ ކަންކަމެވެ. ޓްރާންސް ޕޭރެންސީ މޯލްޑިވްސް އިން މި ރިޕޯޓަށް މައުލޫމާތު އެއްކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހާއި ހަމައަށެވެ. މި ރިޕޯޓުގައި މައިގަނޑު 6 ކަމެއްގެ މައްޗަށް ބަލާލާފައި ވެއެވެ. އެ ބައިތަކަކީ:
- އޯވނަޝިޕް ޕޮލިސީ އާއި ކުންފުނީގެ މަގުސަދުތައް
- އޯގަނައިޒޭޝަން، އޮޕަރޭޝަންތައް އަދި ޕަރފޮމެންސް
- ދައުލަތާއެކު ހިންގާ މުއާމަލާތްތައް
- ޕްރައިވެޓް ސެކްޓަރއާ ދެމެދު ހިންގާ މުއާމަލާތްތައް
- ސީއެސްއާރު، އިންޓާނަލް ކޮންޓްރޯލް އަދި ކޯޕަރޭޓް އިންޓެގްރިޓީ
- ޑިރެކްޓަރުންގެ ބޯޑު
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ދިރާސާ ރިޕޯޓުން ދައްކާގޮތުގައި ކުންފުނިތަކުގެ ތެރެއިން ފާއިތުވެ ދިޔަ އަހަރު އެންމެ ދެފުށް ފެންނަގޮތަށް ހިންގާފައިވަނީ އެސްޓީއޯއެވެ. ސީޖީޓީއައި ރިޕޯޓުގެ 3 ކެޓަގަރީއަކުން އެސްޓީއޯވަނީ އެއްވަނަ ހޯދާފަ އެވެ. އެއީ، އޯނަޝިޕް ޕޮލިސީ އާއި ކުންފުނީގެ މަގުސަދުތައް، އޯގަނައިޒޭޝަން، އޮޕަރޭޝަންތައް އަދި ޕާފޮމެންސް، ސީއެސްއާރު، އިންޓާނަލް ކޮންޓްރޯލް އަދި ކޯޕަރޭޓް އިންޓެގްރިޓީއިންނެވެ. މި ކެޓަގަރީތަކުގެ އިތުރުންވެސް އެހެން ބައެއް ކަޓެގަރީތަކުންވެސް އެސްޓީއޯން ވަރަށް މަތިން މާކްސް ލިބިފައި ވެއެވެ. އޭގެ ތެރޭގައި ދައުލަތާއި ޕްރައިވެޓް ސެކްޓަރއާ ދެމެދުކުރާ މުއާމަލާތްތަކުގެ ބައިންވެސް ކޮންމެ ބަޔަކުން އެސްޓީއޯއިންވަނީ %82 މާކްސް ހޯދާފައެވެ. އަދި ކުންފުނިތަކުގެ ރަސްމީ ވެބްސައިޓުގައި ކޯޕަރޭޓް ގަވަނެންސް މެކޭނިޒަމްތައް އާންމުކުރާ މިންވަރަށް ބަލާއިރު އެ ކެޓަގަރީން އެސްޓީއޯއިން %67 ހޯދާފައި ވެއެވެ.
މިކެޓެގަރީން އެސްޓީއޯއަށް %67 ލިބިފައިވާއިރު، %66 އާއި އެކު ދެވަނަ ލިބިފައިވަނީ ދިރާގަށެވެ. މި ދެ ކުންފުނީގެ އިތުރުން، ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމްޓީސީސީ ގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މައުލޫމާތު ދެފުށްް ފެންނަގޮތަށް ހާމަކޮށްފައި ވެއެވެ.
މި ރިޕޯޓަށް މައުލޫމާތު އެއްކުރުމުގައި 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓުތަކަށް ބަލާފައިވާއިރު، މައުލޫމާތު އެއްކުރި މުއްދަތުގައި އަހަރީ ރިޕޯޓު އާންމުކޮށްފައިވަނީ އެންމެ 11 ކުންފުނިން ކަން، އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ އިތުރަށް ކުންފުނިތަކުގެ ރަސްމީ ވެބްސައިޓުގައި ކޯޕަރޭޓް ގަވަނެންސް މެކޭނިޒަމްތައް އާންމުކުރާ މިންވަރަށް ބަލާއިރު ވެސް ގިނަ ކުންފުނިތަކަށް މި ބައިން ވެސް ލިބިފައިވަނީ %50އަށް ވުރެ ދަށުންނެވެ. މި ބައިންވެސް %67އާ އެކު އެންމެ މަތިން މާކްސް ލިބިފައިވަނީ އެސްޓީއޯއަށެވެ.
އެ ރިޕޯޓުގައި ފާހަނގަކޮށްފައިވާ ގޮތުގައި އެއްވެސް ކުންފުންޏަކުން އެކުންފުނީގެ ހިއުމަން ރިސޯސަސް(ޢެޗްއާރް) ޕޮލިސީ އާންމުކޮށްފައެއް ނުވެއެވެ. އަދި ގިނަ ކުންފުނިތަކުން، ސީނިއަރ މެނޭޖްމެންޓްގެ މައުލޫމާތު ހިއްސާކޮށްފައި ހުރިނަމަވެސް، އެ ފަރާތްތަކުގެ ޒިންމާތައްވެސް ހާމަކޮށްފައެއް ނުވެއެވެ. އަދި އަހަރީ ރިޕޯޓުގައި ބޯޑު މެންބަރުންގެ މުސާރައާއި އިނާޔަތްތައް ހާމަކޮށްފައިވަނީ އެންމެ ފަސް ކުންފުނިންކަން ރިޕޯޓްގައި ފާހަނގަކޮށްފައި ވެއެވެ. މީގެ އިތުރުން އަހަރީ އާންމު ޖަލްސާއަކީ ކުންފުނިތަކުގެ ބޯޑުން ނިންމާ ނިންމުންތަކާމެދު ބަސްބުނެ، ޚިޔާލު ހުށަހެޅުމަށް ހިއްސާދާރުންނަަށް އޮންނަ އެންމެ ބޮޑު ޕްލެޓް ފޯމް ކަމަށްވާއިރު، އަހަރީ ރިޕޯޓުގައި އެ ޖަލްސާގެ މައުލޫމާތު ހިއްސާ ކޮށްފައިވަނީ އެންމެ ހަތް ކުންފުނިންކަމަށްވެސް ރިޕޯޓުގައި ފާހަނގަކޮށްފައި ވެއެވެ.
ޓްރާންސްޕޭރެންސީގެ ރިޕޯޓުގައިވާ ގޮތުން ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަށް ހިންގުމުގައި، މިހާރު އަމަލުކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކާއި އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސް އަށް ނުފެތެއެވެ. ހިންގުން ބަލިކަށިވުމާއި ކޮމްޕްލައެންސް ކުޑަވުމުގެ އިތުރުން އޯވަސައިޓް އަދި ޒިންމާދާރު ކުރުވުން ކުޑަވުމުގެ ސަބަބުން، ދައުލަތް ހިއްސާވާ ކުންފުނިތަކަކީ މާލީ ހިރާސްތަށް ބޮޑު އަދި ކޮރަޕްޝަންގެ އަމަލުތަށް ހިންގުމަށް ބޭނުންކުރެވޭ ވަސީލަތްތަކަށް ވެފައިވާކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައި ވެއެވެ.
2023ވަނަ އަހަރު އަދި 2024 ވަނަ އަހަރު ބޭއްވި އިންތިހާބުތައް އޮބްޒާވް ކުރުމަށްފަހު ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، ދައުލަތް ހިއްސާވާ ކުންފުނި މެދުވެރިކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. އަދި މިއީ އެކަމުގެ ސަބަބުން އިންތިހާބު ތަކުގައި ވާދަ ކުރާ ފަރާތްތަކަށް ހަމަހަމަ ކަމާއި އެކު ވާދަ ކުރުމުގެ ފުރުސަތު ގެއްލިގެންދާކަމެއްގެ ގޮތުގައި ފާހަނގަކޮށްފައި ވެއެވެ.
”ކުރިމަގަށް ބަލާއިރު، މިހާރު ދައުލަތް ހިއްސާވާ ކުންފުނިތައް ހިންގަމުންދާގޮތުން ”ކްލައިންޓަލިޒަމް“ ކަހަލަ ނިޒާމެއް ގާއިމުވެގެންދިއުމުގެ ފުރުސަތު އެބައޮތް. މީގެ ތެރޭގައި ރަށްރަށުގައި ވަޒީފާގެ ފުރުސަތު ތައް ފަހިކޮށްދިނުމާއި، އިންފްރާސްޓްރަކްޗާ ބިނާކުރުމާއި، އެސްއޯއީތަކަށް މަޝްރޫއުތައް ހަވާލުކުރުން ހިމެނޭ.“ ޓްރާންސް ޕޭރެންސީން ބުނެފައި ވެއެވެ.
ކުންފުނިތަކުގެ ހާމަކަން އިތުރުކޮށް، ހިންގުމުގެ ނިޒާމް ހަރުދަނާކުރުމަކީ ކޮރަޕްޝަން އަދި ކޮރަޕްޝަންއާއި ގުޅުންހުރި ހިރާސްތައް ކުޑަކޮށް، އެފިޝަންސީ އާއި ޒިންމާދާރުކަން އިތުރުކުރުމަށް މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ޓްރާންޕޭރެންސީ މޯލްޑިވްސް އިން ފާހަނގަކުރެއެވެ.



