އިންޑިއާގެ ޢާންމު އިންތިޚާބު 2024ގައި ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ) އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެން.ޑީ.އޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ. އިންޑިއާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި ބީ.ޖޭ.ޕީން ތިންވަނަ ދައުރަކަށް އިންތިޚާބު ކާމިޔާބުކޮށްފައިވާކަން ފާހަގަކުރައްވާފައި ވެއެވެ. އަދި ތަރައްޤީއާ ހަމަޖެހުން ހޯދުމަށް ދެ ޤައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައި ވެއެވެ.
އިންޑިއާގެ ޢާންމު އިންތިޚާބުގައި ހޯދި ކާމިޔާބީ ފާހަގަކުރައްވައި އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވުމާއި ގުޅިގެން އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާއަށް އިންޑިއާގެ ބޮޑުވަޒީރު ޝުކުރު އަދާކުރައްވާފައި ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިންޑިއާގެ ބޮޑުވަޒީރު ލިއުއްވި މެސެޖުގައި ދިވެހިރާއްޖެއަކީ އިންޑިއާ އަވަށްޓެރި ޤައުމެއްގެ އިތުރުން އިންޑިއާ ކަނޑު ހިމެނޭ ސަރަޙައްދުގެ މުހިންމު ބައިވެރިއެއްކަމުގައި ފާހަގަކުރައްވާފައި ވެއެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ގާތުން މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވި އެވެ.
އިންޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެ ސޯޝަލްމީޑިއާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ކުރެއްވި ޕޯސްޓާއި ގުޅިގެން އެމަނިކުފާނަށް ވެސް އިންޑިއާގެ ބޮޑުވަޒީރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި، ދެޤައުމުން ގުޅިގެން މަސައްކަތްކޮށް ދޭދޭގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުން ގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައި ވެއެވެ.



