އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އޮންލައިންކޮށް ”ރެކޮމެންޑޭޝަން ފޯމް“ ހުށަހަޅާގޮތަށް ނިންމައިފި އެވެ.
މިކަމާ ގުޅޭގޮތުން، އާސަންދަ އިން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، އާސަންދަ ސްކީމްގެ ދަށުން ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ، ”ޑޮކްޓަރުން ފުރާ އާސަންދަ ރިކޮމެންޑޭޝަން ފޯމް“ މީގެ ފަހުން ހުށަހެޅޭނީ މައި އާސްނަދަ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި އެ ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިގެން ލިޔެކިޔުންތައްވެސް ބަލައިގަންނާނީ މައި އާސްނަދަ ޕޯޓަލް މެދުވެރިކޮށްކަމަށް ބުނެފައި ވެއެވެ.
މި ނިންމުމާއެކު، އާސަންދައިން ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށްޓަކައި ޑޮކްޓަރުން ފުރާ އާސަންދަ ރެކޮމެންޑޭޝަން ފޯމު މެނުއަލްކޮށް ބަލައިގަތުން ހުއްޓާލާފަ އެވެ. މީގެ ކުރިން ރާއްޖެއިން ބޭރަށްދާ މީހުން ރެކޮމެންޑޭޝަން ފޯމް ހުށަހަޅަމުން އައީ މެނުއަލް ކޮށް (އަތު ލިޔުމުން) ނެވެ.
އާސަންދައިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އާސަންދަ ސްކީމްގެ ދަށުން މި އަހަރުގެ ފުރަތަމަ ތިންމަހު އެކަނިވެސް ރާއްޖެ އިން ބޭރަށް 1،691 މީހުން ފަރުވާއަށްގޮސްފައި ވެއެވެ. އަދި އެ ތިންމަހު އާސަންދައަށް ކުރި ހޭދަ ވަނީ 838 މިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު، %4.8 މަތީ އަދަދެކެވެ.
އާސަންދައިގެ ހިދުމަތް ފުޅާ ކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނައިރު، މި ހަަމަސްތެރޭ އާންމުންނަށް އާސަންދައިގެ ޚިދުމަތް ލުއި ފަސޭހަގޮތެއްގައި ހަމަޖެއްސޭނެ ގޮތްތައް ދަނީ ފަހިކޮށްދެމުންނެވެ. އެންމެ ފާހަނގަ ކުރެވޭ އެއްކަމަކީ ރާއްޖެއިން ބޭރުން އާސަންދަ ސްކީމްގެތެރެއިން ދަރިމައިވުމުގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި ތެލަސީމިއާ ކުދިންނަށް ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމުގައިވެސް ކުރިޔަށްްވުރެ ލުއި ފަސޭހަ ގޮތްތަކެއް މިހާރު ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުންވެސް މިހާރު އާސަންދަ ދޭ ގައުމުތަކުގެ އިތުރަށް ދުނިޔޭގެ އެހެން މަންޒިލްތަކަށް އާސަންދަ ތައާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން، އާސަންދަ މެދުވެރިކޮށް ޔޫއޭއީ އަދި ތައިލެންޑުން ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.



