މިއަދު އޮތީ 10 ގޭންގު ކަމަށް ވާނަމަ ފަސް އަހަރު ނިމޭއިރު އެ އަދަދު ތިނަކަށް މަދު ކުރުމަކީ އަމާޒު ނޫން ކަމަށާ އަމާޒަކީ 10 ގޭންގު ވެސް އެއްކޮށް ދިއުން ކަމަށް ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރުމަށް މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތަށް ލިބޭ ކޮންމެ 100ރ. އިން 4ރ. ދިވެހި ރައްޔިތުން މެންޑޭޓު ކުރަނީ ދިވެހި ފުލުހުންނަށް ހަރަދު ކުރަން ކަމަށެވެ.
އެހެންކަމުން އެވަރުގެ ހަރަދެއް ދައުލަތުން ނަގާއިރު ދައުލަތާއި ރައްޔިތުންގެ ފަރާތުން އެދޭ ކަންކަން ނުވަތަ އެކްސްޕެކްޓޭޝަންތަކެއް ހުންނާނެ ކަމަށެވެ. އަދި އެއީ ނަތީޖާ ނެރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ މިއަދު އިފްތިތާހުކުރި ޕްލޭން ތަންފީޒު ކުރޭތޯ ކޮމިޝަނަރު މެދުވެރިކޮށް ބައްލަވާނެ ކަމަށެެވެ.
އަދި ޕްލޭން ތަންފީޒުކޮށް އަވަހަށް ނިންމުމަކީ ފުލުހުންގެ ސަފުތަކުގެ ތެރޭ އޮންނަ ރޫހަކަށް ވާން ވާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ހިތަށް އަންނަ ކަމެއް ނުވާނެޔޭ ހިތަށްއަރާ ކަމަށެވެ. އަދޖ ސިކުނޑީގައި އެކަން އެހެން އޮންނަންޏާ އެކަން ހައްލެއް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަޅުގަނޑުމެން އެންވިޒަން ނުކުރާ ކަންކަން އިންސާނާގެ ތޮބީއަތުގައި އިންސާނާއަށް ހާސިލެއް ނުކުރެވޭނެ. ސިކުނޑިން ގަބޫލުކުރަން އެބަ ޖެހޭ 2 ބިލިއަން ރުފިޔާ އަހަރަކު ހަރަދުކޮށްގެން އަޅުގަނޑުމެން ޔުނިފޯމްޑް މުއައްސަސާއެއް ތަރުތީބު ކޮށްފައި، އެ ބަޔަކަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ދިނީމާ އެ އޮބްޖެކްޓިވް ހާސިލްވާނެކަން.
މީގެ ކުރިން ރާއްޖޭން މަސްތުވާތަކެތީގެ ވަބާ ފޮހެނުލެވި އޮތީ ސިޔާސީ ގޮތުން އެކަން ކުރަން ބޭނުން ނުވުމުން ކަމަށް ވެދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މި ސަރުކާރުން ކުރަން ބޭނުންވެގެން މަސްތުވާތަކެތީގެ ވަބާ އިން ރާއްޖެ ސަލާމަތް ކުރުން މި ސްޓްރެޓަޖީގައި ހިމަނާފައިވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެކަން ހާސިލް ކުރުމުގެ މަސައްކަތުގެ 90 އިންސައްތަ ޒިންމާވާނީ ފުލުހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ހިއުމަންޓްރެފިކިންގެ މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅުތައް އެޅުމަށް ވެސް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.



