އަމާޒަކީ މަސައްކަތުގެ މާހައުލުގައި، އެކީގައި މަސައްކަތްކުރާ އެންމެންނަކީ އެކަކުއަނެކަމަށް އިޙްތިރާމްކުރުމާއިއެކު، އެކުގައި މަސައްކަތްކުރުމުގެ ރޫޙް އޮތް މާހައުލެއް އުފެއްދުންކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑިވެލޮޕްމެންޓް ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެފަދައިން ވިދާޅުވީ، މިމަހުގެ 4 ން ފެށިގެން ސްވިޒްލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ”އިންޓަނޭޝަނަލް ލޭބަރ ކޮންފަރެންސް 112’’ ބައްދަލުވުމުގައި ދެއްވި ޚިތާބުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ 2009 ވަނަ އަހަރުގައި، ދިވެހިރާއްޖެ އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގައި ބައިވެރިވެފައިވާ ކަމަށެވެ.
އަދި އެއާ އެއްގޮތަށް މަސައްކަތުގެ މައިދާނުގައި މަސައްކަތްތެރިންގެ ހައްގުތަކާއި ކަރާމާތްތެރިކަން ރައްކާތެރިކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އަޅަން ޖެހޭ ފިޔަފަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށެވެ.
ވަޒީފާގެ ބާޒާރުގައި އެންމެންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ވަޒީފާދޭ ފަރާތްތަކާއި މަސައްކަތްތެރިންނާއި ގުޅިގެން ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން ހީވާގިކަމާއެކު އެތައް މަސައްކަތެއް ކުރައްވާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި ވިދާޅުވީ ދިވެހިރާއްޖޭގެ މަސައްކަތުގެ މާހައުލުވާނީ، އެކަކު އަނެކަކަށް އިހްތިރާމްކޮށް، ގުޅިގެން މަސައްކަތް ކުރާ މާހައުލެއް ކަމަށެވެ.
އަޅުގަނޑުމެންގެ އަމާޒަކީ މަސައްކަތުގެ ދާއިރާގައި އެންމެން އެކުގައި އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން، އެކުގައި މަސައްކަތްކުރާ މާހައުލެއް އުފެއްދުން – މިނިސްޓަރ މާރިޔާ
އެކަމަނާ ވިދާޅުވީ މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށާއި، ރާއްޖޭގެ ހުރިހާ ރަށްތަކުގައި މަސައްކަތްތެރިކަން ކުރިއެރުވުމުގެ މަޤުސަދުގައި ފާއިތުވި އަހަރުތަކުގައި ރާއްޖެ އިން ޤާނޫނުތަކާއި މުއައްސަސާތަކަށް ބޮޑެތި އިސްލާޙްތަކެއް ގެނެސްފައިވާކަމަށެވެ.
އޭގެ އިތުރުން، އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން މަސައްކަތްތެރިންގެ ޙައްޤުތަކާއި ކަރާމާތްތެރިކަން ރައްކާތެރިކުރުމަށާއި އިޖްތިމާޢީ އިންސާފުވެރިކަން ދެމެހެއްޓުމަށް ކުރައްވާ ބުރަމަސައްކަތުގެ އަގުވަޒަންކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި ހަމަހަމަ މުޖުތަމައެއް ޤާއިމުކުރުމަށް އެއްބާރުލުން ދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާކަމަށް ވެސް އެކަމަނާގެ ޚިތާބުގައި ވިދާޅުވިއެވެ.
މި ކޮންފަރެންސްއަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ މަންދޫބުން ބައްދަލުވެ، އައި.އެލް.އޯގެ އެކި އެކި އުސޫލުތަކާމެދު މަޝްވަރާކޮށް، އިޖުތިމާއީގޮތުންނާއި މަސައްކަތުގެ މާހައުލާގުޅޭ ގޮތުން އުފެދޭ މުހިންމު ސުވާލުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ކޮންފެރެންސެކެވެ.



