ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ ބިނާވެހި ޕްރޮގްރާމުގެ ފުރަތަމަ ބުރު މިއަދު ނިންމާލައިފި އެވެ.
އާރްޑީސީން ބުނީ، އެ ޕްރޮގްރާމުގައި ޖުމްލަ 11 ދަރިވަރުން ބައިވެރިވެ، އޭގެތެރެއިން 5 ދަރިވަރަކު ޕްރޮގްރާމް ނިންމައި ސެޓިފިކެޓް ހާސިލުކޮށްފައިވާކަމަށެވެ. ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް މިއަދު ވަނީ ސެޓިފިކެޓް ހަވާލުކޮށްފަ އެވެ. ސެޓިފިކެޓް ހަވާލުކޮށްދެއްވީ މިއަދު މިކަމަށްޓަކައި ބޭއްވި ޚާއްސަ ރައްމިއްޔާތެއްގައި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ޖެނެރަލް ރިޓާޔަޑް އަލީ ޒުހައިރެވެ.

އާރްޑިސީން ބުނީ، އުސޫލެއްގެ ގޮތުން ޕްރޮގްރާމް 6 މަސް ދުވަހަށް ރޭވިފައި އޮތްނަމަވެސް، ފުރަތަމަ ބުރުގެ ތަމްރީނު ކުރިޔަށް ގެންދިޔައީ 9 މަހުގެ މުއްދަތަކަށް ކަމަށާއި، ޕްރޮގްރާމްގެ ކޮންމެ ބައިވެރިޔަކަށް މަހު އެލަވަންސްގެ ގޮތުގައި 5000 ރުފިޔާގެ އެލަވެންސެއް ދިންކަމަށެވެ.
އުމުރުން 16-21 އަހަރު އުމުރުފުރާއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި، މަސައްކަތުގެ މާހައުލަށް ދަރިވަރުން ހާނުވައި، މަސައްކަތުގެ މާހައުލަށް ނިކުންނަންވާއިރަށް ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދީފައި ވެއެވެ. އެގޮތުން، ތަފާތު 12 ދާއިރާއަކުން ތަރުޖިބާ ހޯދުމުގެ މަގު ޕްރޮގްރާމްގެ ބައިވެރިންނަށް ތަޖުރިބާކުރުމުގެ ފުރުސަތު އާރްޑީސީން ހޯދައިދީފައި ވެއެވެ. އޭގެެތެރޭގައި، އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ސެކިއުރިޓީ އެންޑް ސޭފްޓީ، އިންވެންޓްރީ، އައި.ސީ.ޓީ، ލޮޖިސްޓިކްސް، ޕްރޮޑަކްޝަން، އެޗް.އާރ، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން، ސޭލްސް އެންޑް މާކެޓިންގ، ޕަބްލިކް ރިލޭޝަންސް ހިމެނެއެވެ. މީގެ އިތުރުން ވެސް މަސައްކަތްތަކަށް އަހުލުވެރިވުމަށް މަސައްކަތުގެ ތަޖުރިބާ ދަތުރުތަކުގައި ބައިވެރިކޮށް، އާރްޑީސީއަށް ލިބުނު އެކި ތަމްރީނު ފުރުސަތުތަކުގައި ބައިވެރިވުމުގެ ފުރުސަތު ޕްރޮގްރާމުގެ ބައިވެރިންނަށް ދީފައި ވެއެވެ.
އާރްޑީސީގެ ކޯޕަރޭޓިވް އެޑިއުކޭޝަން ބިނާވެހި ޕްރޮގްރާމަކީ ޘާނަވީ އިމްތިހާނަށްފަހު މަތީ ޘާވަނީ ތައުލީމު ފެށުމާ ދޭތެރޭ ނުވަތަ މަތީ ޘާނަވީ އިމްތިހާނަށްފަހު ކޮލެޖްތަކުގައި ކިޔަވަމުންދާ ދަރިވަރިވަރުންނަށް ނުވަތަ ތަޢުލީމު ދޭ މަރުކަޒުތަކަށް ހާޒިރުނުވާ ކުދިންނަށް އެކި ދާއިރާތަކުން މަސައްކަތުގެ ހުނަރާއި ތަމްރީނު އަދި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އާރްޑީސީން ހިންގާ ޕްރޮގްރާމެކެވެ.




