އއ. ތޮއްޑޫގައި ދަނޑުވެރިކަން ކުރާ ސަރަހައްދެއްގެ މައްސަލައިގައި ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގައިފިއެވެ.
ފުލުހުން ބުނީ މިއަދު މެންދުރު 01:00 ކަންހާއިރު ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާކޮށް އާންމު މަސްލަހަތު ނަގައިލުމަށް މަސައްކަތްކުރަމުން ދިއުމާ ގުޅިގެން އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ކަމަށެޗެ.
އަދި އެސަރަހައްދުގައި މުޒާހަރާ ކުރަމުންދިއަ ބައެއް މީހުން ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގައު އުކާ ތަނުގެ މަސްލަހަތު ނަގައިލުމަށް މަސައްކަތް ކޮށްފައިވާ ކަން ފުލުހުން ފާގަގަކުރެއެވެ.
އެހެންކަމުން އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް ފުލުހުން ނަސޭހަތްތެރިވެފައިވާ ކަމަށާ އެސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކަށް އަނިޔާވެ، އެފުލުސް މީހާއަށް ފަރުވާދޭން ޖެހުނު ކަމަށްވެސް ފުލުހުން ބުންނެވެ.
މި މުޒާހަރާ ކުރުމުގެ ތެރޭގައި ކައުންސިލް އިދާރާގެ ދޮރުގެ ބިއްލޫރިގަނޑު ވެސް ވަނީ ތަޅާލާފައެވެ.
ކައުންސިލު އިދާރާ ކައިރިއަށް އެއްވި މީހުން މިހާރު އެ ސަރަހައްދުން ގޮސްފައިވާއިރު އެރަށު ކައުންސިލްގެ ނައިބު ރައީސް އަލީ އާދަން ”ސައްވީސް އޮންލައިން“ އަށް ވިދާޅުވީ، އެމީހުން މުޒާހަރާކޮށްފައިވަނީ ދަނޑުވެރިކަމަށް ބިންދޫކުރުމުގައި ކައުންސިލުން އަމަލުކުރިގޮތާމެދު ހިތްހަމަނުޖެހިގެން ކަމަށެވެ.
އަދި އެއީ ބަޔަކު އަމިއްލަ މަންފާއެއް ހޯދުމަށް މީގެ ދެދުވަހެއްވަރު ކުރިން ފެށިގެން ކުރަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



