މާލިއްޔަތު ކޮމެޓީގައި އިސްކުރަން ޖެހޭނީ ޕާޓީގެ މަސްލަހަތު ނުވަތަ އަމިއްލަ މަސްލަހަތެއް ނޫން ކަމަށާ ނަމަވެސް އިސްކުރަންޖެހޭނީ ގައުމުގެ މާލިއްޔަތުގެ މަސްލަހަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އިއްޔެ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އިގުތިސާދީ ހާލަތާ ގުޅޭގޮތުން ސިއްރު ކުރަންޖޭ އެއްވެސް ކަމެއް ނެތް ކަމަށާ ރަށްރަށުގެ ރައްޔިތުންނަށް ޕްރޮޖެކްޓުތައް ހިނގާނެތޯ ނުވަތަ ނޫންތޯ ވެސް އެނގެންޖެހޭނެ ކަމަށެވެ.
އަދި މިހާރު އިންތިހާބުގެ މޫސުން ވެސް ނިމިފައިވާ ކަމަށާ ރައްޔިތުން ގާތު ހަގީގަތާ ކުރިމަތިލާށޭ ބުނަން ޖެހޭ ކަމަށެވެ.
ނާޒިމް ވިދާޅުވީ އިގުތިސާދަށް ކުރިމަތިވެފައި އޮތް ބަނަކަން ރައްޔިތުންނަށް ތަސައްވުރު ކުރެވޭނީ ފިނޭންސް މިނިސްޓްރީން އެ މަންޒަރު ރަނގަޅަށް ސިފަކޮށްދީގެން ކަމަށެވެ.
އަދި ވިދާޅުވީ އަސްލު މަންޒަރު ސިފަކޮށްދިނުމަކީ ރައްޔިތުންގެ ހައްގުގައި ވެސް އަދި ގައުމުގެ ހައްގުގައި ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެހެންކަމުން ބަޖެޓާ ހަމައަށް ނުވަތަ ނޮވެމްބަރު މަހާ ހަމައަށް މަޑުނުކޮށް މިހާރުން މިހާރަށް ކުރަންވީ ކަމަކީ ކޮބައިތޯއާ ކޮށްދޭންވީ ކަމަކީ ވެސް ކޮބައިތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.



