ފާއިތުވެ ދިޔަ މެއި މަހު ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެހީގެގޮތުގައި 1.6 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޒަކާތު ހައުސްއިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު 180 ފަރާތަކަށް ބޭސް ފަރުވާގެ ޚަރަދުތަކަށް ޖުމްލަ 1،632،265 ރުފިޔާ ދޫކޮށްފައި ވެއެވެ. މީގެ ތެރޭގައި ކެންސަރު ބަލީގެ ފަރުވާއަށާއި، ހިތުގެ އޮޕަރޭޝަން ތަކަށާއި، ކިޑްނީ ބަލިތަކަށާއި އަދި ސިކުނޑީގެ އޮޕަރޭޝަންތަަކަށް ދޫކުރި ފައިސާ ހިމެނެއެވެ. ޒަކާތު ހައުސްއިން ބުނީ، އެހީގެ ގޮތުގައި ހަމަޖެހިފައިވާ ޖުމްލަ އަދަދަކީ 1،213،624 ރުފިޔާނަމަވެސް 1.6 މިލިއަން މެއިމަހު ޚަރަދުކުރެވިފައިވާ ކަމަށެވެ. މޭ މަހު ކުރެވިފައިވާ ހަރަދުތަކުގެ ތެރޭގައި އޭޕްރީލް މަހު އެހީ ހަމަޖެހުނު ފަރާރްތަކުގެ ޚަރަދުތައް ވެސް ހިމެނޭ ކަމަށް ޒަކާތު ހައުސްއިން ބުނެފައި ވެއެވެ.
ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފުސީލު:
- ކެންސަރު ފަރުވާ: 454،574.5 ރުފިޔާ
- ހިތުގެ އޮޕަރޭޝަން: 67،848 ރުފިޔާ
- ކިޑްނީ ބަލިތަކުގެ ފަރުވާ: 89،050 ރުފިޔާ
- ސިކުނޑީގެ އޮޕަރޭޝަން: 72،088.5 ރުފިޔާ
- އެހެނިހެން ބަލިތަކަށް: 619،113 ރުފިޔާ
މެއި މަހު ފިޠުރު ޒަކާތުގެ ގޮތުގައި 41،937.7 ރުފިޔާ ޖަމާކޮށްފައިވާއިރު، ޒަކާތުގެ މަސައްކަތް ކުރުމަށް ޒަކާތު ފަންޑުން މުސާރަ ދޭގޮތަށް ނަގާފައިވާ މުވައްޒަފުންގެ އުޖޫރައަށް 262،2666.50 ރުފިޔާ ޚަރަދުކޮށްފައިވާކަން، ޒަކާތު ފަންޑުގެ ތަފާސް ހިސާބުން ދައްކައެވެ.



