މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް، ދައުލަތުގެ ޚަރަދުގައި ސައުދީއަށް ފޮނުވަން ހަމަޖެހިފައިވާ ފަރާތްތައް މާދަމާ ފުރަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ވައުދުގެ ދަށުން ސަރުކާރުގެ ޚަރަދުގައި ހައްޖަށް ގެންދާ މީހުންގެ ފުރަތަމަ ބެޗްގައި ހިމެނޭ 50 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މާދަމާ ސައުދީ އަރަބިއްޔާއަށް ފުރާނެކަމަށެވެ.
މި 50 މީހުންނަށް ހައްޖުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސާފައިވަނީ ދައުލަތުގެ ޚަރަދުގައެވެ. އޭގެތެރޭގައި އަތޮޅުތަކުން ހައްޖަށްދާން މާލެ އަންނަ މީހުންނަށް ދަތުރުފަތުރުތަކުގެ ހަރަދާއި މާލޭގައި ތިބުމުގެ ޚަރަދު ވެސް ހިމެނެއެވެ. މިމީހުން ފުރުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިނުންނެވެ. އެމީހުން ފުރުމުގެ ހުރިހައި އިންތިޒާމެއް ހަމަޖެހިފައިވާއިރު، މިހާރު ކުރިޔަށްދަނީ ލަގޭޖް ހަވާލުކުރުމުގެ މަސައްކަތެވެ. މާދަމަކީ ހުކުރު ދުވަސްކަމަށްވުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުކުރު ނަމާދުކުރެވޭނެ އިންތިޒާމުވެސް އެމްއޭސީއެލްއިން ވަނީ ހަމަޖައްސާފަ އެވެ.
ދައުލަތުގެ ޚަރަދުގައި ހައްޖަށް ގެންދާ މީހުންނާއެކު، ރޭ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި ހައްޖާއި ގުޅުން ހުރި މުހިންމު ދީނީ މައުލޫމާތުގެ އިތުރުން ހައްޖު ދަތުރާއި ބެހޭ އިދާރީ އަދި ލޮޖިސްޓިކް މައުލޫމާތު އެމީހުންނާ ހިއްސާކޮށްފައި ވެއެވެ. ރޭގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދާއި، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ބައިވެރިވަޑައިގެންނެވި އެވެ.
ފަސް އަހަރު ދުވަހަށް ބަހާލައިގެން ފަގީރުންނާއި މިސްކީނުން ހިމެނޭހެން 1،000 މީހުން ހައްޖަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ވައުދު ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މާދަމާ ހައްޖަށް ފުރަނީ ދައުލަތުގެ ޚަރަދުގައި ހައްޖަށްދާ ފުރަތަމަ ބެޗުގެ މީހުންނެވެ. ފުރަތަމަ ބެޗުގައި ހައްޖަށް ގެންދާ 50 މީހުން ހޮވާފައިވަނީ، ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ އުމުރުން 50 އަހަރާއި 69 އަހާރަ ދެމެދުގެ މީހުންގެ މެދުގައި ގުރުލައިގެންނެވެ. ހައްޖަށް ދާން ޝަރުޠު ހަމަވާ 667 މީހުން ދަފްތަރުގައި ރަޖިސްޓަރީ ވެފައި އެބަތިއްބެވެ.



