ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެތެރެއިން މިއަދު، އެގައުމުގެ ބޮޑުވަޒީރު، ދިނޭޝް ގުނަވަރްދަނާއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން މިނިސްޓަރު ޒަމީރު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވަނީ، ސްރީލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާއާ ބައްދަލުކުރެއްވުމުގެ ޝަރަފް ލިބިވަޑައިގެންފައިވާކަމަށާއި، އެ ބައްދަލުވުމުގައި ދެގައުމުގެ ޒަމާންވީ ގުޅުމާއި އެއްބާރުލުން ބަދަހިކުރެވިދާނެ ގޮތްތަކާއިމެދު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދެގައުމުގެ ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުން ގާއިމުކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ރާއްޖެއާއި ސްރީލަންކާއައަކީ ތާރީޚީ ގާތް ގުޅުމެއް އޮންނަ ދެގައުމުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވެފައިވަނީ، މި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމަށް ދެގައުމުންވެސް ސާބިތުކަމާއެކު ދެމިތިބި ކަމަށެވެ. އަދި މިނިސްޓަރު ޒަމީރުވަނީ، ރާއްޖޭގެ އިޖުތިމާއީ، އިގުތިސާދީ ތަރައްގީއަށް ސްރީލަންކާއިން ވެދެމުން އަންނަ އެހީތެރިކަމަށްޓަކައި ބޮޑުވަޒީރު ގުނަވަރްދަނާއަށް ޝުކުރު އަދާކުރައްވާފަ އެވެ.
ފޮރިން މިނިސްޓަރު ޒަމީރު ސްރީލަންކާއަށް ކުރައްވާ މިދަތުރުފުޅަކީ، އެގައުމުގެ ފޮރިން މިނިސްޓަރު އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އިއްޔެ އެމަނިކުފާނު ވަނީ ސަބްރީއާއި، ރައީސް ރަނިލް ވިކްރަމަ ސިންހާއާވެސް ބައްދަލުކުރައްވައި ދެގައުމަށް ފައިދާކުރަނިވިގޮތަކަށް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާތަކެއް ކުރައްވާފަ އެވެ.


