ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް ފޮނުވާ 1000 ފަޤީރުންގެ ތެރެއިން 1445 ވަނަ އަހަރު ޙައްޖަށް ފޮނުވާ 50 ޙައްޖުވެރިން ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރައިފިއެވެ.
މީގެ ތެރެއިން ދެ ޙައްޖުވެރިއަކު ފުރަތަމަ ދެ ފްލައިޓުގައި ފުރާފައިވާއިރު، މިއަދު ޙައްޖަށްފުރި ތިން ވަނަ ފްލައިޓުގައި 48 ޙައްޖުވެރިން ވަނީ ފުރާފައެވެ.
މިއަހަރު ފޮނުވުމަށް ހަމަޖެހިފައިވާ ޙައްޖުވެރިން ކަނޑައެޅި އިސްލާމީ ކަންތަތަކާ ބެހޭ ވުޒާރާގެ ފޭސްބުކް ޕޭޖުން ވަގުތުން ދެއްކި އިވެންޓެއްގައެވެ.
މި 50 ފަރާތުގެ ތެރެއިން އަތޮޅުތެރޭ ތިބި ފަރާތްތައް މާލެ ގެނައުމާއި ކެއުމާއި ބުއިމުގެ ޚަރަދު އަދި ޙައްޖު ދަތުރު ނިމި އެނބުރި ރަށަށް ފޮނުވުމުގެ ޚަރަދު ހަމަޖައްސާފައިވަނީ ދައުލަތުންނެވެ.
ރިޔާސީ ދައުރުގެ ތެރޭގައި 1000 ފަޤީރުން ފޮނުވައިދެއްވާނެކަން ރައީސުލްޖުމުހޫރިއްޔާ އިޢުލާނު ކުރެއްވީ 18 އޮގަސްޓު 2023 ވަނަ ދުވަހުގެ ރޭ، ރިޔާސި އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި މ. މުލަކު ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމުހޫރިއްޔާ މަޤާމާއި ހަވާލުވެވަޑައިގެންނެވިތާ 3 ވަނަ ހަފްތާ ހަފުތާ ތެރޭގައި، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާ ރިޔާސީ ދައުރުގައި އަންނަ ފުރަތަމަ ޙައްޖު މޫސުމުގައި ސަރުކާރުގެ ޚަރަދުގައި 50 ފަޤީރުން ޙައްޖަށް ފޮނުވުއްމަށް ނިންމަވާ އެކަން އިޢުލާން ކުރައްވިއެވެ.


