އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ސަޕްލައި ފެން މެދު ކެނޑޭ މައްސަލަ މިހާރު ހައްލުކުރެވިފައިވާކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފި އެވެ.
އައްޑޫ ފެން މެދުކެނޑޭ މައްސަލައާއި ގުޅޭގޮތުން ފެނަކައިގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ މައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީއަށް ގެންދިޔަ ޕަމްޕް އިންސްޓޯލްކޮށް ނިމި ފައިވާކަމަށެވެ. އަދި، އެ ޕަމްޕް ހަރުކުރުމުގެ ސަބަބުން ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫއަށް މެދުނުކެނޑި މިހާރު ފެން ފޯރުކޮށްދެވޭކަމަށް ފެނަކައިން ބުނެފައި ވެއެވެ.
އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑޭ މައްސަލަ ހައްލުކުރުމުގެ ގޮތުން، އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް ސަރުކާރުން މިދިޔަ އެޕްރީލް މަހު އެމްޑަބްލިއުއެސްސީއާ ހަވާލުކުރިއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޑަބްލިއުއެސްސީއާ މި މަސައްކަތް ހަވާލުކުރީ 282.6 މިލިއަން ރުފިޔާ އަށެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން ނުލިބޭތީ އެރަށްތަކުގެ މީހުން އުފުލަމުން އައި ތަކުލީފު ނިމުމަކަށް ގެނެސްދިނުމަށް އެ ސިޓީގެ މޭޔަރުވެސް ވަނީ ތަކުރާރުކޮށް ސަރުކާރަށް ގޮވާލައްވާފަ އެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަަކަށް ފެނަކަ ކޯޕަރޭޝަނުން ދެމުން އައި ފެނުގެ ހިދުމަތް ލިބެމުން ނުދާތީ، އެމައްސަލަ ވަގުތުން ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅައި މިހާރު އެ މައްސަލަ އޮތީ ބަހުސް މަރުހަލާގަ އެވެ. އެ މައްސަލަ މިމަހުގެ ތިން ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.



