ދިވެހި ކަނޑުތަކުން ލިބެން ހުރި ވަޞީލަތްތަކަކީ ރާއްޖޭގެ އިގުތިސާދަށް އޮތް އެންމެ ބޮޑު އުންމީދުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިއަދު ފާހަނގަކުރަމުންދާ ދުނިޔޭގެ ކަނޑުގެ ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި އާންމުކުރެއްވެވި މެސެޖެއްގަ އެވެ.
އެމަނިކުފާނުގެ މެސެޖުގައި، ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަހައްދު މުހިންމުކަން ފާހަނގަކުރައްވާފައި ވެއެވެ. އަދި، އެ ކަނޑުތަކުގެ ގުދުރަތީ ނަލަކަމާއި، އެ ކަނޑުތަކުގައިވާ ރޯއްޖާއި ޚަޒާނާތަކަކީ، ދިވެހީންގެ ތިޔާގި އިގުތިސާދަށް އޮތް އެންމެ ބޮޑު އުންމީދުކަމުގައި ވިދާޅުވެފައި ވެއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ ކަނޑުގެ ޚާއްސަ އިގުތިސާދީ ސަރަހައްދު މެދުކެނޑުމެއްނެތި ބެލެހެއްޓޭނެ ގާބިލުކަން ދިވެހި އަސްކަރިއްޔާއަށް ގެނެސްދެއްވާފަ އެވެ. އަދި މަސްވެރިންނަށް ޚާއްސަ އެޕްލިކޭޝަނެއްވެސް ވަނީ ތައާރަފު ކުަރައްވާފަ އެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް، މަސްވެރިކަމަށް އަޅާފައިވާ ބޮއިތައް ދެނެގަނެވި، މަސްއައިން އުޅޭ ސަރަހައްދު މަސްވެރިންނަށް ދެނަގަނެވެއެވެ. އަދި، މޫސުމީ އިންޒާރުތަކާއި، އެނޫނަސް ޑިސްްޓްރެސް ކޯލްތައް ވަގުތުން ވަގުތައް އުޅަނދުތަކަށް މި އެޕްލިކޭޝަން މެދުވެރިކޮށް ލިބެއެވެ.
ކަނޑުތަކުން ލިބޭ މަންފާ އިތުރުކުރުމަށާއި، އަދި ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތަށް ނިކުންނަ މީހުންނަކީ ތަމްރީނު ލިބިގެން ނިކުންނަ ބަޔަކަށް ހެދުމަށް ސަރުކާރުން ވަނީ މަސްވެރިކަމާއި ބެހޭ ކޮލެޖެއް ގާއިމުކުރުމުގެ މަސައްކަތްވެސް ފަށާފަ އެވެ. އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ޕްރޮމޯޓްކުރުމަށް ސަރުކާރުން މިއަހަރު ވަނީ އެކަމަށް ޚާއްސަ ކުންފުންޏެއްވެސް އުފައްދަވާފަ އެވެ.
ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަނގަކުރުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ހަފުތާއަކަށް ދަންމައިގެން ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުއިޒް މުބާރާތެއް ކުރިޔަށްގެންދިއުމާއި ”ކަނޑުފަޅަށް ލޯ ހުޅުވަމާ“ގެ ނަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން މައުލޫމާތު ސެޝަނެއް ކުރިޔަށްގެންދިއުމާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ”ޑިސްކަވާ ޑައިވް“ ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމާއި ”އެންމެން މޫދަށް“ގެ ނަމުގައި މޫދަށް އެރުމުގެ ހަރަކާތެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިޔަށްގެންގޮސްފައިވެއެވެ. އަދި ”ކަނޑުރޯދި އުފާ ފެސްޓިވަލް“ގެ ނަމުގައި ހުޅުމާލޭގައި ކުރިޔަށްގެންދާ ހަރަކާތާއި މި ނޫންވެސް މިދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިޔަށްގެންދާ އެކިއެކި ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.
މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހަށް ކަނޑައަޅާފައިވާ ތީމަކީ ”ކަނޑުތަކާއި މޫސުމަށް ހެޔޮ ބަދަލުގެނައުމުގެ މަސައްކަތް ހަލުވިކުރުން“ މިއެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަހެވެ.



