މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)ގެ ”ހުނަވަރު“ އެޕްރެންޓިސްޝިޕްް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި އެވެ.
އެމްޓީސީސީން މިއަރުގެ ”ހުނަވަރު“ ޕްރޮގްރާމަށް ހުޅުވާލާފައިވަނީ އިލެކްޓްރިކް، މެކޭނިކް، އިންޖިނިއަރިން އަދި ބަރު އުޅަނދުތައް އޮޕަރޭޓް ކުުރުން ހިމެނޭހެން 12 ދާއިރާއަކުން މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތެވެ. އެއީ، ވެލްޑަރ، މެރިން މެކޭނިކް، އިލެކްޓްރީޝަން، ފައިބަރގްލާސް ޓެކްނީޝަން، މެޝިނިސްޓް، ހެވީވެހިކަލް އޮޕަރޭޓަރ، އޮޓޯމޮބައިލް އިލެކްޓްރީޝަން، ހައިޑްޜޯލިކް މެކޭނިކް، ޓިންކަރ، ޓަގް އޮޕަޜޭޓަރ، ޑޮރޭޖް އޮޕަރޭޓަރ އަދި ޑްރެޖް މެކޭނިކް އެވެ.
އެމްޓީސީސީން މިކަމާގުޅޭގޮތުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މަގާމާއި ގުޅޭ ދާއިރާއަކުން ތައުލީމް ހާސިލުކުރަމުންދާ ފަރާތަކަށާއި، މަސައްކަތަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކާއި، އައު ހުނަރު ދަސްކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް މިއަހަރުގެ ”ހުނަވަރު“ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަންގެ ހުނަވަރު ޕޯޓަލް މެދުވެރިކޮށް 11 މެއި 2024 ވަނަ ދުވަހުގެ 23:59 ކުރިން އެޕްލިކޭޝަން ހުށަހެޅޭނަކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
3 މަސް ދުވަހުގެ މުއްދަތަަކަށް ކުރިޔަށްގެންދަން ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި، ރަސްމީ މަސައްކަތު ގަޑީގައި ހަފުތާއަކު 6 ދުވަހު، ދުވާލަކު 08 ގަޑިއިރުގެމަގުން މަސައްކަތުގައި ޝާމިލުވެ އުޅެން ފުުުރުސަތު ލިބެއެވެ. އަދި މަހަކު 5،000 ރުފިޔާ އުޖޫރައެއްގެ ގޮތުގައި ލިބޭނެކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.
ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީއިން ކުރިޔަށް ގެންދާ ޚާއްސަ ޕްރޮގްރާމެކެވެ. އަދި، ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުންވެސް މި ޕްރޮގްރާމްގެ މަގްސަދުގެތެރޭގައި ހިމެނެއެވެ.


