ދުނިޔޭގެ ކަނޑުގެ ދުވަހާއި ގުޅުވައިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ”ކަނޑު ރޯދި އުފާ“ ފެސްޓިވަލް ހުޅުމާލެ ފޭސް-1ގައި ފަށައިގެން ކުރިޔަށް އެބަގެންދެއެވެ.
އާއިލާގެ ހުރިހައި މެންބަރުންނަށް ބައިވެރިވެވޭހެން ރޭވިފައިވާ މި ފެސްޓިވަލް ފެށީ މިއަދު ހެނދުނު 09:00 ޖެހިއިރުއެވެ. ފުރަތަމަ ދަންފަޅި 12:00 ޖެހުމާ ހަމަޔަށް ކުރިޔަށްގެންގޮސްފައިވާއިރު، އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް މި ހަރަކާތައް ލިބިފައި ވެއެވެ. ހުޅުމާލޭގެ ރަށްވެހިންގެ އިތުރުން މާލެއިން ހަފުތާ ބަންދަށް ހުޅުމާލެއަށް ދަތުރުދިޔަ އާއިލާތަކުންވެސް މި ފެސްޓިވަލްގެ ގޭމްސްތަކުގައި ބައިވެރިވި އެވެ. މޫދު ކުޅިވަރާއި، މަޖާ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެގެން އިނާމުވެސް ލިބޭ ގޮތަށް މި ހަރަކާތް ކުރިޔަށްގެންދިޔައިރު، މި ފެސްޓިވަލްވީ ކުޑަކުދިންގެ މެދުގައި މަގުބޫލު ފެސްޓިވަލަކަށެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް މިފްކޯއާއި، ފިޝަރީޒް މިނިސްޓްރީއާއި ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ ”ކަނޑު ރޯދި އުފާ“ ފެސްޓިވަލް ކުރިއަށްދާގޮތް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި، އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމާއި، ބައެއް ކުންފުނިތަކުގެ ވެރިން ބައްލަވާލެއްވި އެވެ.
ތަފާތު މޫދު ކުޅިވަރުތަކާއެކު މި ފެސްޓިވަލްގެ ދެވަނަ ދަންފަޅި ފެށޭނީ ހަވީރު 03:30 ގަ އެވެ. ހަވީރު 06:00 ޖެހުމާ ހަމަޔަށް ފެސްޓިވަލް ކުރިޔަށްދާނެއެވެ. ފެސްޓިވަލްގެ ހަރަކާތްތައް ކުރިޔަށްދަނީ ހުޅުމާލެ ފޭސް-1 ބީޗް ސަރަހައްދުގައި (ދިރާގު ކުރިމަތި) އެވެ.




