ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަނގަ ކުރުމުގެގޮތުން މާލޭ ދެކުނު ފަޅު ސާފުކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން، ވެމްކޯއާއި ފިޝަރީޒް މިނިސްޓްރީގެ ބައިވެރިވުމާއެކު ކުރިޔަށްގެންދިޔަ މި ހަރަކާތުގައި ފަޅުގެ ބޮޑުބައެއް ސާފުކޮށް ގިނަ އަަދަަދެއްގެ ކުދި ނަގާފައި ވެއެވެ. އަދި އެދިމާލުން އެއްގަމުންވެސް ކުނި ނެގި އެވެ.

މި ހަރަކާތް ފަށްޓަވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއެވެ. އެމަނިކުފާނުގެ ވާހަަކަފުޅުގައި، ރާއްޖޭގެ ކަނޑުފަޅުތައް ސާފުކޮށް ބެހެއްޓުމުގެ މުހިންމުކަން ފާހަގަ ކުރައްވާ ފަރުދީގޮތުން އެންމެން ގުޅިގެން މޫދަށް ކުނިއެޅުން ނިމުމަކަށް ގެންނަށް އިލްތިމާސް ކުރެއްވި އެވެ. މި ހަރަކާތް އިފްތިތާހުކޮށްދެއްވުމަށްފަހު ވަޒީރު ޝިޔާމް ވަނީ ސާފުކުރުމުގައި އަމަލީގޮތުންވެސް ބައިވެރިވަޑައިގެންފަ އެވެ.

މި ހަރަކާތުގައި މާލެ ސިޓީ ކައުންސިލް މޭޔަރ އާދަމް އާޒިމާއި، ވެމްކޯ އާއި ފިޝަރީޒް މިނިސްޓްރީގެ އިސް ވެރިން އަމަލީ ގޮތުން ބައިވެރިވަޑައިގެންނެވި އެވެ. އަދި ވެމްކޯއާއި، ކައުންސިލާއި، ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންވެސް ބައިވެރިވި އެވެ.
ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަނގަކުރުމަށް ފިޝަރީޒް މިނިސްޓްރީން އަންނަނީ އެހެން ވުޒާރަތަކާއި މުއައްސަސާތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުއިޒް މުބާރާތެއް ކުރިޔަށްގެންދިއުމާއި “ކަނޑުފަޅަށް ލޯ ހުޅުވަމާ”ގެ ނަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން މައުލޫމާތު ސެޝަނެއް ކުރިޔަށްގެންދިއުމާއި ކުޑަކުދިންނަށް އަމާޒުކޮށްގެން “ޑިސްކަވާ ޑައިވް” ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމާއި “އެންމެން މޫދަށް”ގެ ނަމުގައި މޫދަށް އެރުމުގެ ހަރަކާތެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިޔަށްގެންގޮސްފައިވެއެވެ. އަދި “ކަނޑުރޯދި އުފާ ފެސްޓިވަލް”ގެ ނަމުގައި ހުޅުމާލޭގައި ކުރިޔަށްގެންދާ ހަރަކާތާއި މި ނޫންވެސް މިދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިޔަށްގެންދާ އެކިއެކި ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.
މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހަށް ކަނޑައަޅާފައިވާ ތީމަކީ “ކަނޑުތަކާއި މޫސުމަށް ހެޔޮ ބަދަލުގެނައުމުގެ މަސައްކަތް ހަލުވިކުރުން” މިއެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަހެވެ.



