ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) އިން އެ ކުންފުނީގެ ހިއްސާދާރުންނާއެކު ބޭއްވި ނުރަސްމީ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
“ޝެއަރހޯލްޑަރ އެންގޭޖްމަންޓް އިވެންޓް” ގެ ނަމުގައި އެސްޓީއޯއިން ބޭއްވި މި ބައްދަލުވުމަކީ ކުންފުނީގެ ކަންކަމާމެދު ހިއްސާދާރުންނާއެކު މަޝްވަރާކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.
މިއަދު ހެނދުނު އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓްގައި ބޭއްވި މި ބައްދަލުވުމުގައި، އެސްޓީއޯގެ މުސްތަގުބަލުގެ ތަސައްވުރާ ބެހޭގޮތުން މަޝްވަރާކޮށްފައިވާއިރު، ކުންފުނީގެ ޕާފޯމަންސް ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު ހިއްސާދާރުންނަށް ލިބިގެންދިޔައެވެ. އެސްޓީއޯއިން ބުނީ، މި ބައްދަލުވުމަކީ، ހިއްސާދާރުންނާ ގުޅުން ބަދަހިކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެސްޓީއޯއިން ވަނީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހައި ހިއްސާދާރުންނަށް ޝުކުރު އަދާކޮށް އެސްޓިއޯގެ ކުރިމަގު ބައްޓަންކުރުމުގައި ހިއްސާދާރުން ދެއްވި ފީޑްބެކް އަދި ޚިޔާލުތަކުގެ ބޭނުންހިފާނެކަމަށް ބުނެފަ އެވެ. އަދި، ދެމެހެއްޓެނިވި ގޮތެއްގައި ހިއްސާދާރުން ކުންފުންޏަށް އެއްބާރުލުން ދެމުން އަންނާތީ އެކަން ފާހަގަނގަކޮށް ކުރިޔަތް އޮތް ތާނގައިވެސް މިފަދަ ބައްދަލުވުން ބާއްވަން އުންމީދުކުރާކަމަށްވެސް އެސްޓީއޯއިން ބުނެފައި ވެއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ، މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ހިއްސާދާރުންނަށާއި، ޗެއާމަން އަދި ބޯޑު މެމްބަރުންނަށާއި ޖުމްލަކޮށް އެސްޓީއޯގެ ޓީމަށް މި ބައްދަލުވުމުގައި ބައިވެރިވީތީ ޝުކުރުން ދަންނަވާފަ އެވެ. ޝިމާދު ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ހިއްސާދާރުން ފާޅުކުރި އާ ޚިޔާލުތަކާއި، ހުށަހެޅުންތަކާއި، ކަންބޮޑުވުންތައް އެސްޓީއޯއިން ބަލައިގަނެ މަރުހަބާ ކިޔާކަމަށެވެ. އަދި، އެހުށަހެޅުންތަކަކީ ވަރަށް ފުރިހަމަ ހުށަހެޅުންތަކެއްގެ ގޮތުގައި ޝިމާދު ސިފަކުރައްވާފައި ވެއެވެ.

މިއަދުގެ ބައްދަލުވުމުގައި، ހިއްސާދާރުންނަށް ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން އަހަރީ ރިޕޯޓް ޕަބްލިޝްކުރުމާއި، އަހަރީ އާންމު ޖަލްސާއަށް ވަމުން އަންނަ ތައްޔާރީތައް ހިއްސާދާރުންނާއި ހިއްސާކޮށްފައި ވެއެވެ.



