އެއްވެސް ފަރާތަކަށް ހައްޖު ކިއުއަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ޝަކީލް މިހެން ވިދާޅުވެފައިވަނީ މިއަހަރު މީހުން ހައްޖަށް ފޮނުވުުމުގައި ހައްޖުގެ ކިޔޫ ފަޅާފައި ސަރުކާރުން ބައެއް މީހުންނަށް ޖާގަ ދޭ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ސަރުކާރަށާއި ހައްޖު ކޯޕަރޭޝަންއަށް އަމާޒުކޮށް ފާޑިކިޔަމުން ދަނިކޮށްނެވެ.
މިކަމާއި ގުޅިގެން ހަގީގަތް ހާމަކުރުމުގެ ގޮތުން ޝަކީލް ވިދާޅުވީ، 1445 ވަނަ އަހަރު ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައިތިބި ހުރިހާ ފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން ދިންކަމަށެވެ. އަދި 1445 ވަނަ އަހަރު ރާއްޖެއަށް ލިބުނު ރަސްމީ 1000 ހައްޖު ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ މީހުންގެ ތެރެއިން އެހީތެރިންގެ ގޮތުގައި ދިޔަ ހައްޖު ކޯޕަރޭޝަންގެ 3 މުވައްޒަފުން ފިޔަވާ ހުރިހާ ހައްޖުވެރިން މައްކާއަށް ގޮސް އުމްރާގެ އަޅުކަން ފުރިހަމަކޮށްފައިވާކަމަށެވެ. ޝަކީލް އިތުރަށް ވިދާޅުވެފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަށް ނުފޯރުވޭނެކަމަށެވެ.
ދިވެހި ރާއްޖެއަށް މިފަހަރު ލިބުނީ ރަސްމީ 1،000 ކޯޓާއެވެ. އަދި، ފަހުން ލިބުނު ފުރުސަތުގައި ލިބުނު 150 ފުރުސަތާއެކު ރާއްޖެއިން މިފަހަރު 1،150 މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބެއެވެ. މީގެ ތެރޭގައި ދައުލަތުގެ ޚަރަދުގައި ހައްޖަށް ދިޔަ 50 މީހުންނާއި، ހައްޖާޖީންގެ ކަންކަން ބަލަހައްޓަން ދިޔަ ފަރާތްތަކާއި، އެހީތެރިންނާއި، ޑޮކްޓަރުންނާއި، ނަރުހުންނާއި، އެމްއެންޑީއެފްގެ ބޭފުޅުން ހިމެނެއެވެ.



