އިޒްރޭލުން އިއްޔެ ފަލަޞްޠީނުގެ ގާޒާއަށް ދިން ހަމަލާތަކުގައި 210 މީހުން ޝަހީދުވެއްޖެއެވެ.
ފަލަޞްޠީނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެ އިޒްރޭލުގެ ފައުޖުތަކުން ގާޒާގެ މެދުތެރޭ ދީރް އަލް-ބަލަހްގައި ހުންނަ ނުސައިރާތު ކޭމްޕަށް ދިން ހަމަލާގައި 210 މީހުން މަރުވެ 400 އަށް ވުރެ ގިނަ މީހުން ވަނީ ޒަަޚަމްވެފަ އެވެ. ޒަޚަމްވެފައިވާ މީހުންނަށް އެ ސިޓީގެ އަލް އަގްސާ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ބައެއް މީހުންގެ ހާލު ދެރަކަމުން މި ހަމަލާގައި މަރުވާ މީހުންގެ އަދަދު އިތުރުވުމަކީ ގާތްކަމެއްކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަމަލާތަކުގައި ޒަޚަމްވީ މީހުންނަށް އަލް އަގުސާ ހޮސްޕިޓަަލުގައި ފަރުވާދެމުން އަންނައިރު، އެހޮސްޕިޓަލުގައި ބަޔަކު އިތުރަށް އެޑްމިޓްކުރާނެ އެނދެއް ނެތްކަމަށާއި، އަދި ފަރުވާ ދިނުމަށް ބޭނުންވާ ބޭހާއި، އެހެނިހެން ސާމާނުވެސް ހުސްވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކަރަންޓްނެތް ހާލަތެއްގައި އެމަޖެންސީ ޖަނަރޭޓަރު ހިންގަން ބޭނުންކުރާނެ ތެޔޮވެސް ނެތްކަމަށް ރިޕޯޓްތައް ބުނެއެވެ.
އިއްޔެ އިޒްރޭލު ފައުޖުތަކުން ނުސައިރާތު ކޭމްޕަށް ހަމަލާދިނީ އެއްގަމާއި ވައިގެ މަގުންނެވެ. އިއްޔެ މި ހަމަލާތައް ދިން ވަގުތު އިޒްރޭލު ސިފައިންނާއި، ފަލަޞްޠީނުގެ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތަކެއްވެސް ކުރިޔަށްދިޔަ އެވެ. ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ އިސްވެރިޔާ އިސްމާއިލް ހަނިއްޔާ ވިދާޅުވެފައިވަނީ، އިޒްރޭލުގެ ހަމަލާތައް ކުޑަކުދިންނާއި އަންހެނުންނަށް އަމާޒުކޮށްފައިވާއިރު، އެމީހުންގެ ހައްގުތައް ހިމާޔަތްކުރުމުގައި ހަމާސްއިން ދެމިތިބޭނެކަމަށާއި، އިޒްރޭލުން މަދަނީންނަށް ހަމަލާދެމުންދާހާ ހިނދަކު ހަމާސްއިން އަމާން ނުދޭނެކަމަށެވެ.
ފަލަޞްޠީނުގެ ރިޔާސަތުގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ވިދާޅުވެފައިވަނީ ނުސައިރާތު ކޭމްޕަށް އިޒްރޭލުގެ ފައުޖުތަކުން ދިން ހަމަލާއަކީ އިޒްރޭލުން ފަލަޞްޠީނުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލްއާންމުގެ ބައެއް ކަމަށެވެ. އަދިި، ފަލަޞްޠީނު މުސްލިމުންނާއި ދެކޮޅަށް އިޒްރޭލުން ކުރަމުން މިދާ ހަނގުރާމައިގެ ފުރިހަމަ ޒިންމާ އެމެރިކާއިން ނަގަން ޖެހޭނެކަމަށް ނަބީލް ވިދާޅުވެފައި ވެއެވެ. ނަބީލް އިތުރަށް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ފަނާވުން ނޫންކަމެއް ނުވާކަމަށާއި، އަދި ސުލްހަ މަސަލަސްކަމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާހާ ނުރައްކާތެރި ހިސާބަށް އިޒްރޭލުގެ ހަނގުރާމަ ގޮސްފައިވާކަމަށެވެ.އަދި، އިޒްރޭލުގެ ގަތުލްއާންމު ހުއްޓުވައި ދިނުމަށް އދ ގެ ސަލާމަތީ މަޖިލީހަށާއި ބައިނަލްއަގުވާމީ މުޖުތަމައަށް ނަބީލް ވަނީ ގޮވާލައްވާފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި 36،801 މީހުން މަރުވެ، 83،680 މީހުން ވަނީ ޒަޚަމްވެފަ އެވެ. އަދި މިހަމަލާތަކާއި ގުޅިގެން ގެދޮރު ގެއްލި އެތައްހާސް މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.



