ފުވައްމުލައް ސިޓީއަށް ފެން ފޯރުކޮށްދިނުމަށް ބޭނުންކުރާ ވެކިއުމް ސްޓޭޝަނަކަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާކަމަށް ފެނަކައިން ބުނެފި އެވެ.
ފެނަކައިން ބުނީ މައްސަލަ ޖެހުނީ ވެކިއުމް ސްޓޭޝަން 2އަށް ކަމަށެވެ. އަދި، އެ ސްޓޭޝަނަށް ދިމާވި މައްސަލައާއި ގުޅިގެން ފެނަކަ ސ. ހިތަދޫ ބްރާންޗުގެ ޓެކްނިކަލް ޓީމެއް ފުވައްމުލަކަށް ދަތުރުކޮށް, މައްސަލަ ހޯދައި މައްސަލަ ހައްލުކޮށްފައިވާކަމަށް ފެނަކައިން ބުނެފައިވެއެވެ.
ފެނަކައިން ވަނީ، މިފަދަ މައްސަލަތައް ދިމާވާ ސަބަބުތައް ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދާނެ ކަމުގެ ޔަޤީންކަން ދީފައެވެ.
ފެނަކައިން ރާއްޖޭގެ 157 ރަށެއްގައި ޚިދުމަތް ދެމުން އަންނައިރު، އެކުންފުނީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ޚާއްސަކޮށް ކަރަންޓް ކެނޑޭ މައްސަަލަ ދިމާވާ ރަށްތަކުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމާއި، އާ އިންޖީނުތައް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ދާދި ފަހުން ފެނަކައިން ވަނީ، އެކުންފުނިން ޚިދުމަތް ދޭ ރަށްތަކުގެ އިޖުތިމާއީ ދިއްލުންތަކަށް ބޭނުންކުރާ ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންސްޕެކްޝަނެއްވެސް ކުރިޔަށްގެންގޮސްފަ އެވެ.



