ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ”ސްމާޓް ގަވަރނަންސް ފޮރ ސިވިލް ސަރވިސް އެކްސެލެންސް“ ގެ ޝިޢާރުގެ ދަށުން މި އަހަރު ބާއްވާ ކޮންފަރެންސް މިއަދު ފަށައިފިއެވެ.
މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫން 9 އިން 10 އަށް ދަރުބާރުގޭގައެވެ.
މިއީ ސިވިލް ސަރވިސްގެ އިންތިޒާމްތައް ރޭވިފައިވާ ގޮތްތައް ދިރާސާކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ދެނެގަނެ އެކަށައެޅުމަށް ޓަކައި ކޮންމެ 2 އަހަރުން 1 އަހަރު ސިވިލް ސަރވިސް ކޮންފަރެންސްގެ ނަމުގައި ސިލްސިލާކޮށް ބާއްވަމުން ގެންދާ ކޮންފަރެންސެކެވެ.
”ސްމާޓް ގަވަރނަންސް ފޮރ ސިވިލް ސަރވިސް އެކްސެލެންސް“ މި ޝިޢާރުގެ ދަށުން ގުޅުންހުރި 3 ދާއިރާއަކުން 15 ކަރުދާހެއް މި ކޮންފަރެންސްގައި ހުށަހެޅޭނެ ކަމަށް ސީއެސްސީން ބުނެއެވެ.
އަދި ރާއްޖެއިން ބޭރުގެ 2 އަދި ރާއްޖޭގެ 2 ސްޕީކަރުން މި ކޮންފަރެންސްގައި ކީނޯޓް ސްޕީޗް ދެއްވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
ކޮންފަރެންސްގެ ސަބްތީމްތަކުގެ ގޮތުގައި ކަނޑައެޅިފައިވާ 3 ޝިޢާރަކީ، ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި އޮފީހުގެ އެކިކަހަލަ މަސައްކަތްތަކާއި ޕްރޮސީޖަރތައް ބަދަލުކޮށް ހަރުދަނާކުރުމާއި، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވޭ ޒިންމާދާރު އަދި ޖަވާބުދާރީވެވޭ ސިވިލް ސަރވިސްއެއް ޤާއިމުކުރުމުގެ އިތުރުން، ހަރުދަނާ އުސޫލްތަކާއި އަޚްލާގީ މިންގަނޑުތަކަށް ބިނާކޮށް މަސައްކަތުގެ ސަޤާފަތް ބައްޓަންކުރުމެވެ.
މި ކޮންފަރެންސްގައި ސިވިލް ސަރވިސްގެ އެންމެ އިސް ފަންތީގައި މަސައްކަތްކުރާ 250 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.
އޭގެ ތެރޭގައި މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާއި ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުން، ސިޓީތަކާއި އަތޮޅު ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުން އަދި ނައިބުން، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ހިމެނޭ ގޮތަށް 113 އަށް ވުރެ ގިނަ ފަރާތްތަކުން މި ކޮންފަރެންސްގައި ބައިވެރިވުމަށް ހަމަޖެހިފައިވާކަން ސީއެސްސީން ފާހަގަކުރެއެވެ.
ހަތަރުވަނަ ސިވިލް ސާވިސް ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވަނީ ބައިވެރިވެވަޑައިގެންފައެވެ.



