’އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްސް‘ (އެގްމޮންޓް ގްރޫޕް)ގެ މެންބަރުކަން ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް(އެފްއައިޔޫ)އަށް ލިބިއްޖެއެވެ.
ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އެގްމޮންޓުގެ މެންބަރުކަން ލިބުނީ، ފްރާންސްގެ ޕެރިހުގައި މިހާރު ކުރިޔަށްދާ އެގްމޮންޓް ގުރޫޕްގެ 30 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ.
އެގްމޮންޓް ގުރޫޕްގެ މެންބަރަކަށް ވުމަށް އެފްއައިޔޫ އިން އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި މިކަމުގައި ރާއްޖެއަށް އެހީތެރިވުމަށް ސްޕޮންސަރުންގެ ގޮތުގައި މަސައްކަތްކޮށްދީފައިވަނީ ބަންގްލަދޭޝާއި ސްރީލަންކާގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.
އެގްމޮންޓް ގްރޫޕުގެ މެންބަރަކަށް ވުމުން، އެ ގްރޫޕުގެ މެންބަރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމުގެ އިތުރުން، ފަންނީ ތަފާތު އެހީތެރިކަން ހޯދުމާއި އަދި އެގްމޮންޓް ގްރޫޕުގެ ތަފާތު މުހިއްމު ޕްރޮޖެކްޓްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިގެންދާނެއެވެ.
އެގްމޮންޓް ގްރޫޕުގެ މެންބަރުކަން ލިބުމަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް އެމްއެމްއޭއިން އަދި ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރަމުންދާ މުހިއްމު މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށް އެމްއެމްއޭއިން ބުނެފައި ވެއެެވެ. އެގްމޮންޓްގެ މެންބަރުކަން ހޯދުމުގެ މަސައްކަތްތަކުގައި އެހީތެރިވެދިން ދިވެހިރާއްޖޭގެ އިދާރާތަކަށާއި ބައިނަލްއަޤުވާމީ ޖަމާޢަތްތަކަށް އެމްއެމްއޭއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އެގްމޮންޓް ގްރޫޕަކީ، މަނީ ލޯންޑަރިންއާއި ޓެރަރިޒަމް ފައިނޭންސިން އަދި ކުށް ކުރުމާ ގުޅިގެން ކުރެވޭ އެހެނިހެން މާލީ ކުށްތަކާބެހޭ މަޢުލޫމާތު، ދޭދޭ ޤައުމުތަކުގެ މެދުގައި ހަރުދަނާކަމާއި، ރައްކާތެރިކަމާއި އަދި އަވަސްކަމާއެކު ބަދަލުކުރެވޭނެ ނެޓްވާކެއް ގާއިމުކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާއެކެވެ.




