އިންޑިއާގެ ބޮޑުވަޒީރު ނަރޭންދުރަ މޯދީ 3 ވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތައް އިންޑިއާ ސަރުކާރުން ދެއްވި ހާއްސަ ދައުވަތު ޤަބޫލު ކުރައްވާ އިންޑިއާއަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސް ކުރެއްވީ ދެ ގައުމުގެ ޒަމާންވީ އެކުވެރިކަމެވެ. ދިވެހި ޤައުމާއި ރައްޔިތުންގެ މަސްލަހަތެވެ. ސާބިތުކޮށްދެއްވީ އިންޑިއާ އާއި ރާއްޖޭގެ ބައި ގަރުނުވީ ރަހުމަތްތެރި ގުޅުމުގެ ވަރުގަދަކަމެވެ.
އިނގިރޭސިންގެ ހިމާޔަތުގައި އޮތުމަށްފަހު، ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބި، ރާއްޖެ އަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ އެއް ޤައުމަކީ އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާއެވެ. އިންޑިއާ އަކީ މީގެ ބައި ގަރުނު ކުރިން ފެށިގެން ދިވެހިރާއްޖެއާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ އަޅުގަނޑުމެންގެ އެންމެ އެކުވެރި ޤައުމެވެ. އަޅުގަނޑުމެން ދިވެހިންނަށް ކޮންމެ ކަމެއް ޖެހޭއިރުވެސް އެންމެ ގާތުގައި އޮވެ އެހީގެ އަތެއް ދިއްކޮށްލަނީ އެކުވެރި އިންޑިއާއެވެ. އިންޑިއާ-ރާއްޖޭގެ ގުޅުމަކީ ސިޔާސީ ބޭނުމަކަށް ކިލަނބު ކޮއްލެވޭ ވަރަށް ވުރެއް ވަރުގަދަ ގުޅުމެކެވެ.
މިދޭތެރެއިން އިދިކޮޅު ބައެއް ފަރާތްތަކުން ބުނަމުން އައީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެފައިވާ ކަމަށެވެ. އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް އަން އަންނަ މިންވަރު ބޮޑުތަނުން ދަށްވެފައިވާކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރަމުން ދިޔައެވެ. ރާއްޖެ އަކީ އިންޑިއާގެ ހަތުރެއް ކަމަށް ދެއްކުމަށް ރައީސް ޑރ. މުއިއްޒުގެ ސިޔާސީ ވާދަވެރިން މަސައްކަތް ކުރި އެވެ. ނަމަވެސް އެ މަނިކުފާނުގެ ކުޅަދާނަ ހާރިޖީ ސިޔާސަތުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ނުތަނަވަސްކަމަށް ނިމުމެއް މިވަނީ އައިސްފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދުރަ މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތައް ރައީސް ޑރ. މުއިއްޒު އަށް ދައުވަތު ދެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންނެވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު އާއި އިންޑިއާ އެމްބަސީގެ އިސްވެރިންނެވެ. ދައުވަތު ޤަބޫލުކުރައްވާ ރައީސް ޑރ. މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވުމުން ފެނިގެން ދިޔައީ އެ ޤައުމުން ރައީސް އަށް ކުރާ އިހުތިރާމެވެ. ސަގާފީ ހުށަހެޅުންތަކާއެކު ރައީސް އަށް މެހެމާންދާރީ އަދާ ކުރީ އިންޑީއާ ސަރުކާރުގެ އިސްވެރިންނެވެ. ރައީސް ޑރ. މުއިއްޒު އަށް އިންޑިއާއިން މަރުހަބާ ކިޔުމަށް ބޭއްވި މި ކުލަގަދަ ރަސްމިއްޔާތް ވެގެން ދާނީ އެ މަނިކުފާނުގެ ސިޔާސީ އަދުއްވުންނަށް ހިތި ބޭހަކަށެވެ. ޤަބޫލު ކުރަން ދަތި އަދި ބަލަން އުނދަގޫ މަންޒަރަކަށެވެ. މި މަންޒަރުތައް ވަނީ ދުނިޔޭގެ ހަބަރު ތަކުގެ ފަލަ ސުރުޚީ ތަކުންވެސް ޖާގަހޯދާފައެވެ.

ރައީސް ޑރ. މުއިއްޒުގެ ސިޔާސީ ދެކޮޅުވެރިންނަށް ބޯން ޖެހުނު ހިތި ބޭހަކީ އެ މަނިކުފާނަށް އިންޑިއާއިން ކީ ކުލަގަދަ މަރުހަބާ އެކަންޔެއް ނޫނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރޭންދުރަ މޯދީ ހުވާ ކުރެއްވުމަށް ފަހު، އިންޑިއާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާސްތުރަޕަތީ ބަވަން ގައި އަވައްޓެރި ޤައުމުތަކުގެ ވެރިންގެ ޝަރަފުގައި ރަސްމީ ޖާފަތެއް ބޭއްވިއެވެ. މި ޖާފަތުގައި އިންޑިއާގެ ބޮޑުވަޒީރު ކަމަށް 3 ވަނަ ދައުރަކަށް އިންތިހާބުވި ނަރޭންދުރަ މޯދީ އާއި އެންމެ ގާތުން އީށީނދެވަޑައިގެން އިންނެވީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މިއީކީ ރައީސް ޑރ. މުއިއްޒުގެ ސިޔާސީ ވާދަވެރިންނަށް ބަލަން ފަސޭހަ ވާނެ މަންޒަރެއް ނޫނެވެ. ބޮޑުވަޒީރު މޯދީ އާއި އެންމެ ގާތުން ރައީސް ޑރ. މުއިއްޒު އަށް ޖާގަ ދެއްވުމަކީ އެ މަނިކުފާނުގެ ހަރުދަނާ ޝަހުސިއްޔަތާއި، ގެންގުޅުއްވާ ހާރިޖީ ސިޔާސަތު އިންޑިއާއިން ގަބޫލު ކުރާ ކަމުގެ ދަލީލެކެވެ.
މި ހުރިހާ ކަމަކުންވެސް ދައްކުވައިދެނީ ރައީސް ޑރ. މުއިއްޒު ގެ ދުރުވިސްނޭ ހާރިޖީ ސިޔާސަތުގެ ކާމިޔާބީ އެވެ. ރައީސް ޑރ. މުއިއްޒުގެ ހިކުމަތްތެރިކަމަކީ މިއަދު ހުރިހާ ފަރާތްތަކުންވެސް ގަބޫލު ކުރާންޖެހޭ ހަޤީގަތެކެވެ.



