ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ދޫކުރާ ލޯނަށް އެދި ލިބުނު އެޕްލިކޭޝަންތަކުގެ ނަތީޖާ މާދަމާ އިޢުލާނުކުރާނެ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ލިސްޓް އިޢުލާނުކުރާއިރު، ލޯނަށް އެދި ހުށަހަޅާ ’މައިއެޑިޔު‘ ޕޯޓަލްއިން އެކަން ދަރިވަރުންނަށް އެންގޭނެ ކަމަށެވެ.
އަދި އެޕްލިކޭޝަން ސްޓޭޓަސްއަށް އައި ބަދަލު އީމެއިލް މެދުވެރިކޮށްވެސް އެންގޭނެ ކަމަށާ ސްޓޭޓަސް ބަދަލުވާއިރު ޑިސްކޮލިފައި ވެފައިވާނަމަ ޑިސްކޮލިފައިވި ސަބަބުވެސް އެނގޭނެ ކަމަށެވެ.
އެ ސަބަބާމެދު އިތުރު ސުވާލެއް އޮވެ ޝަކުވާ ހުށަހަޅަން ބޭނުންނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 27 ޖޫންގެ ނިޔަލަށް އޮންނާނެ ކަން މިނިސްޓްރީން ފާހަގަކުރެއެވެ. އަދި ޝަކުވާ ހުށަހަޅާނެ އީމެއިލް އެޑްރެސް ފަހުން އިޢުލާނު ކުރެވޭނެ ކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މިއަހަރު ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުޠުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އެހެންކަމުން ލޯނު ލިބޭ ދަރިވަރުންގެ ޢަދަދު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލިއިރު މިނިސްޓްރީއިން އިޢުލާނުކުރި 500 ފުރުޞަތަށްވުރެ ގިނަ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުންޏެވެ.



