ސަރުކާރުގެ ކެބިނެޓްގައި މިހާރު ރުހުން ނުލިބި ތިއްބެވި ތިން ވަޒީރުންނަށް ރުހުން މަޖިލީހުން ރުހުން ދީފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެ ތިން ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހާފައިވަނީ ވަކިވަކިންނެވެ.
އެގޮތުން ރައީސް ރުހުން ހޯދަން އަލުން ފޮނުއްވި ކެބިނެޓްގެ ތިން މެންބަރުންގެ ތެރެއިން ބަންޑާރަނައިބު އަހުމަދު އުޝާމަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ އިއްތިފާގުންނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ދީފައިވަނީ 83 މެންބަރުންގެ އިއްތިފާގުންނެވެ.
އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދަށް ރުހުން ދީފައިވަނީ 81 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ހަތަރު މެންބަރަކު ވަނީ ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.
އެ މައްސަލަ ދިރާސާކޮށްފައިވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންނެވެ.
އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންނަމަވެސް އެ މަޖިލީހުގައި އެ މައްސަލަ ކުރިޔަށްގެންގޮސްފައެއް ނުވެއެވެ. އެހެންކަމުން މިހާރު ކުރިޔަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ނިންމީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކެބިނެޓަށް ރުހުން ދިނުމަށް މިދިޔަ ޖެނުއަރީ 29 ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދެއްވިއިރު، މި ތިން ބޭފުޅުންނަށް ރުހުން ދެއްވާފައެއް ނުވެއެވެ.
އެ ބޭފުޅުންނަށް މަޖިލީހުން ރުހުން ނުދިން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ތިން ބޭފުޅުން ވަޒީރުކަމަށް އަލުން އައްޔަނު ކުރައްވާފަ އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ވެރިކަންކުރާ މައިޕާޓީ ޕީއެންސީއަށް ސުޕަރ މެޖޯރިޓީ އޮތް މަޖިލީހެކެވެ. ޕީއެންސީ މެންބަރުން ފިޔަވައިވެސް ސަރުކާރަށް ތާއީދު ކުރާ އެހެން ތިން ޕާޓީއެއްގެ 4 މެންބަރުން އެބަތިއްބެވެ.



