އިންޑިއާގެ ބޮޑުވަޒީރު ނަރޭންދުރަ މޯދީ 3 ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ދިވެހިރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާގައި ހުންނަވާ ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، ބޮޑުވަޒީރު މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ދެއްވީތީ އުފާކުރައްވާ ކަމަށާއި، އަދި އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާކަމުގައެވެ. މީގެ އިތުރުން ދެޤައުމުގެ އެކުވެރި ގާތްގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނީ ދިވެހިރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ހެވާލާބަ ލިބޭގޮތަށްކަން ފާހަގަކުރައްވައި ކުރިޔަށް އޮތް ތަނުގައި ދެޤައުމުގެ ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ހަމަޖެހިގެންދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެ މަނިކުފާނަށް އެރުވި ރަސްމީ ދައުވަތަކަށެވެ. މި ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް ފަހު ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާގެ ރައީސް ގެ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި އޮތް ރަސްމީ ޖާފަތެއްގައި ބައިވެރިވަޑައިގެން، ބޮޑުވަޒީރު މޯދީ އާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަފާއެވެ.



