ފަލަޞްޠީނަށް އެހީވުމަށް ދިވެހިން ކުރަމުން އަންނަ މަސައްކަތް އެއަށްވުރެ މަތީ ފަންތިއަކަށް ގެންދަން ޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުަހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑީއާ ޕީއެސްއެމް އިން އިންތިޒާމުކޮށްގެން، ކުރިއަށްގެންދާ ”ފަލަސްތީނާއެކު ދިވެހީން“ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ، ދިވެހިންނަކީ އަބަދުވެސް ފަލަޞްޠީނާއެކު ތިބި ބައެއް ކަމަށާއި، އެކި ފުުރުސަތުތަކުގައި އެހީވެ، އެކި ގޮތްގޮތަށް އަޑު އިއްވަމުން އަންނަ ބައެއް ކަމަށެވެ. އަދި މިހާރު އެމައްސަކަތް އެއަށްވުރެ މަތީ ފަންތިއަކަށް ގެންދަން ޖެހިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ފަލަޞްޠީހުގެ ހައްގުއްގައި ކުރިން ވާހަކަނުދައްކާ ފަރާތްތަކުން ފަލަޞްޠީނުގެ ހައްގުގައި ތެދުވެ ފާޅުގައި މަސައްކަތްކުރާތަން ފެންނަކަން ފާހަނގަކުަރައްވައި، އެއީ ފަލަޞްޠީނުގެ ހައްގުގައި ވަކާލާތުކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއިންވެސް ފަލަޞްޠީނުގެ ހައްގުގައި ކުރަމުންދާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މިއީ ފަލަޞްޠީނާއި އިޒްރޭލާއި ދެމެދު އޮތް މައްސަލައެއް ނޫންކަމަށާއި، މިއީ އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އަދި މުސްލިމުންގެ ސިފައަކީ އެހެން މުަސްލިމަކަށް ދިމާވާ ކޮންމެ ކަމެއްގައި މުޅި އުންމަތް ޝާމިލުވުންކަން ފާހަނގަ ކުރައްވައި ރައީސް ވިދާޅުވީ، ފަލަޞްޠީނަށް އެހީތެރިވުމަކީ މުސްލިމް އުއްމަތުގެ ޒިންމާއެއްކަމަށެވެ.
”އެހެންވީމައި މިއީ، ފަލަޞްޠީނާއި އިޒްރޭލާއި ދޭތެރޭ އޮތް މައްސަލައެއްކަމަށް ބުނެ،އަޅުގަނޑޫމެންނަށް ލޯ މަރާލައިގެން ތިބެގެން ނުވާނެ. މިއީ ކޮންމެ މުސްލިމެއްގެވެސް ހައްގެއް…ޒިންމާއެއް. މަސްއޫލިއްޔަތެއްގެ ގޮތުގައި ބަލަންޖެހޭ. ފަލަޞްޠީނުގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ހުރިހައި މަސައްކަތެއްކޮށްދިނުމަށް ދީލަތިކަމުގައި އިންތިހާއަށް ދާންޖެހޭ.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ފަލަޞްޠީނުގެ މައްސަލަ މީގެކުރިން ބޮޑުވެފައި ނުވާވަރަށް ބޮޑުވެފައިވާކަމަށެވެ. އެހެންކަމުން މިވަގުުތު ފަލަޞްޠީނަށް އެހީތެރިކަން ނުދީފިނަމަ ދެން ދައްކާނެ އެހެން ވާހަކައެއް އެކަމުގައި ނޯންނާނެކަމަށެވެ.
”ދިވެހި ރާއްޖޭގެ ހުރިހައ ރައްޔިތުން އެއްކަމެއްގައި އެކައްޗެއް ކިޔާކަމެއް މިއީ. އެހެންވީމައި ހުރިހައި ރައްޔިތުން ކޮންމެ ދިމާލެއްގަ ތިއްބަސް، ކޮންމެ ޕާޓީއެއްގައި ހުއްޓަސް، ކޮންމެ ވިސްނުމެއްގައި ހުއްޓަސް މިއީ އެއްކައްޗެއް ކިޔާކަމެއް. އެހެންކަމުން ހުރިހައި ރައްޔިތުން ނިކުމެ މި ޓެލެތޯންގައި ބައިވެރިވުމަކީ އަޅުގަނޑު އެދޭކަމެއް. ޔަގީންކުރާ ކަމެއް.“ ރައީސް ވިދާޅުވިއެވެ.
”ފަލަސްތީނާއެކު ދިވެހީން“ ޓެލެތޯންއަކީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް ޕީއެސްއެމުން ކުރިއަށް ގެންދާ ޓެލެތޯންއެކެވެ. މިރޭ 12 ޖެހުމާ ހަމައަށް ޓެލެތޯން ކުރިއަށްދާނެއެވެ.




