ފަލަސްޠީނަށް އެހީވުމަށް އދގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ދެމުން އަންނަ ފައިސާގެ އެހީ 50،000 ޑޮލަރަށް ބޮޑުކުރަން ސަރުކާރުން ނިންމައިފި އެވެ.
މިކަން އިއުލާނުކުރެއްވީ، ދައުލަތުގެ މީޑިއާ ޕީއެސްއެމް މިއަދު ކުރިޔަށްގެންދާ ”ފަލަޞްޠީނާއެކު ދިވެހީ“ ޓެލެތޯން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.
މިނިސްޓަރު ވިދާޅުވީ، ފަލަޞްޠީނަށް އެހީވުމަށް އުފައްދާފައިވާ ”ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް“ އުނަރުވާއަށް ސަރުކާރުން މިހާރު ދެމުން އަންނަ 5،000 ޑޮލަރުކަމަށެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން، މިއަހަރު ރާއްޖެއިން ދޭ އެހީ 50،000 ޑޮލަރަށް ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްދު މުއިއްޒު ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި ފައިސާވެސް އަދި މިއަދު ކުރިޔަށްގެންދާ ޓެލެތޯންގެ ފައިސާވެސް އުނަރްވާއަށް ހަވާލުކުރާނީ ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ މެދުވެރިކޮށް، ފޮރިން މިނިސްޓްރީީގެ ބެލުމުގެ ދަށުން ކަަމަށެވެ. އަދި، މި ނަގާ ފައިސާ ހަމައަށް އެ ފަރާތަށް ރައްދު ކުރޭތޯ ކަށަވަރުކުރުމަށް މިނިވަން އޮޑިޓަރެއްކަމަށްވާ ކްރޯވް މޯލްޑިވްސް އެލްއެލްޕީ ހަމަޖައްސާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ފަލަޞްޠީނުގެ މައްސަލައިގައި ޜާއްޖެއިން ގެންގުޅޭ ”ސްޓޭންޑް“ ތަކުރާރު ކުރެއްވި އެވެ. ރާއްޖޭގެ ސިޔާސަތަކީ 1967 ބޯޑަރު އޮތް ގޮތަށް ފަލަޞްޠީނުގެ ވެރިރަށަކީ އިރުމަތީ ގުދުސްގެ ގޮތުގައި، ފަލަޞްޠީނު މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމެވެ.
ފަލަސްތީނުގެ ދައުލަތަކީ އދ.ގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ބަލައިގަތުމަށް އަރަބި ގުރޫޕްގެ ފަރާތުން އެކުވެރި އަރަބި އިމަރާތް (ޔޫއޭއީ)ން ހުށަހެޅި ގަރާރު ކޯ ސްޕޮންސަރ ކުރި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އަދި ޖޫން 10ގައި އދގެ ސަލާމަތީ މަޖިލީހުން ފަލަސްތީނުގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ފާސްކުރި ގަރާރަށްވެސް ރާއްޖެއިން ތާއިދުކޮށް މަރުހަބާ ކިޔާފައިވެއެވެ.



