ފަލަސްޠީނުގެ މައްސަލައިގަ އެންމެ ބޮޑު ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކުރައްވާ ރާއްޖޭގެ ވެރިޔަކީ, މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މިހާރު ކުރިޔަށްގެންދާ ”ފަލަޞްޠީނާއެކު ދިވެހީން“ ޓެލެތޯނަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް-ޕީއެންސީ ޕާލަމެންޓަރީ ގްރޫޕުން އެހީތެރިވުމަށް އެ ގްރޫޕުން ޓިވީއެމްއަށް ކުރި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ޓެލެތޯނަކީ ވަރަށް މާތް މަގުސަދެއްގައި ރައީސް ޑރ. މުހަމައްދު މުއިއްޒު ފަށްޓަވައިދެއްވި ޓެލެތޯން އެއްކަމަށެވެ. އަދި، އެމަނިކުފާނު ގަބޫލުފުޅު ކުރައްވާގޮތުގައި ރައީސް ޑރ.މުއިއްޒަކީ މިހާތަނަށް ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ފަލަޞްޠީނުގެ މައްސަލައިގަ އެންމެ ބޮޑު ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ވެރިއެއްގެ ގޮތުގައި ފާހަަނގަކުރެއްވޭ ކަމަށެވެ. އެހެންކަމުން ޕީޕީއެމް-ޕީއެންސީ ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުން ރައީސަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ.
އަބްދުއްރައްހީމް ވިދާޅުވީ ޕާލަމެންޓަރީ ގްރޫޕްގެ ބޭނުމަކަށްވީ ރައީސް އެފަދަ މުހިންމު ކަމެއް ފެއްޓެވުމުން އެއަށް އެންމެ ފުރަތަމަ އިޖާބަދޭ ބަޔަކަށް ރައްޔިތުންގެ މަޖިލިސް މެންބަރުން ވާންޖެހޭނެކަމަށް ގަބޫލުފުޅު ކުރައްވާތީ ޓެލެތޯންގައި ބައިވެރިވަޑައިގަތުންކަމަށެވެ.
”އަޅުގަނޑުމެންނަކީ ރައްޔިތުން ތަމްސީލުކުރާ ބައެއް. އެހެންވީމައި ރައްޔިތުންގެ ފަރާތުން މިހާ އަވަހަށް މި ބައިވެރިމިވީ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
ފަލަޞްޠީނުގެ މައްސަލައަކީ، ދިވެހީން އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭ މައްސަލައެއް ކަމަށާއި، އަދި ދިވެހިން ވަރަށް ގާތުން ފަލަޞްޠިނުގެ މައްސަލަތައް ހިނގަމުންދާގޮތް ބަލަމުން އަންނަ ކަމަށް އަބްދުއްރަހީމް ފާހަނަގަކުރެއްވި އެވެ. އެހެންކަމުން މިއަދު މިލިބު ފުރުސަތުގައި ހުރިހައި ރައްޔިތުންވެސް ނިކުމެ ފަަލަޞްޠިނަށް ވީވަރަކުން އެހީވެދިނުމަށް ގޮވާލެއްވި އެވެ.
”ފަލަޞްޠީނުގެ މައްސަލައަކީ ދިވެހިންގެ ހިތުގައި އެންމެ ބާރަށް ވިންދު ޖަހާ މައްސަލަ. މި މައްސަލައިގެ ބާވަތުން އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން މިއެދެނީ ސިޔާސީ ވިސްނުމާއި ދުުރުވެ އަޅުގަނޑުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯއްދައިވައިދެއްވުމަށް، ވަޑައިގެން އެބޭފުޅަކަށް ވެދެއްވެން އޮތް މިންވަރަކުން އެހީތެރިވެދެއްވައި މި ޓެލެތޯނަކީ މިހާތަނަށް ދިވެހި ރާއްޖޭގައި ހިންގުނު އެންމެ ކާމިޔާބު ޓެލެތޯނަކަށް ހައްދަވައި ދެއްވުން.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ޒިޔާރަތުގައި މަޖިލީހުގެ ރައީސާއި ޕާލަމެންޓްރީ ގްރޫޕްގެ ބޭފުޅުން ބައިވެރިވެ، ޓެލެތޯނަށް ދެލައްކަ ރުފިޔާާ ފައިސާ ހަދިޔާކުރެއްވި އެވެ. މިއަދު ހެނދުނު ފެށީ މި ޓެެލެތޯން މިރޭ 12 ޖަހަންދެން ކުރިޔަށްދާނެއެވެ. ޓެެލެތޯންއަށް ޑޮނޭޓް ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް 13 ފަންޑްފޮށްޓެއް ބަހައްޓާފައި ވެއެވެ.




