ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) މުވައްޒަފުންގެ ފަރާތުން ފަލަޞްޠީނު ފަންޑަށް ތިންލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.
އެސްޓީއޯގެ ފަރާތުން މި ފައިސާ ހަވާލުކުރީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، ޕަބްލިކް ސަރވިސް މީޑިއާއިން އިސްވެއޮވެ، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، ފަލަސްޠީނަށް އެހީވުމަށް މިއަދު ކުރިޔަށްގެންދާ ’ފަލަސްޠީނާއެކު ދިވެހީން‘ ޓެލެތޯންގެ ތެރެއިންނެވެ. މިހާތަނަށް އާއިރު މިކަވަރޭޖްގެ ތެރެއިން 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ އެއްކުރެވިފައެވެ.
ޓެލެތޯންގެ ލައިވް ކަވަރޭޖްގެ ތެެރެއިން މިހާތަނަށް އާއިރު، ސިފައިންގެ ފަރާތުން 2،169،826.32 ރުފިޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއީ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ ފަރާތުން ދެ ލައްކަ ރުފިޔާ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) މުވައްޒަފުންގެ ފަރާތުން ފަސް ލައްކަ ރުފިޔާ، މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ(ޢެމްޑަބްލިއުއެސްސީ) އަދި ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ވަނީ، ކޮންމެ ކުންފުންޏަކުންވެސް އެއް ލައްކަ ރުފިޔާ ފަލަޞްޠީން ފަންޑަށް ހަދިޔާކޮށްފައި ވެއެވެ. އަދި އޮންލައިން ޓްރާންސްފަރ މެދުވެރިކޮށް މިހާތަނަށް 2 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.
ފަލަޞްޠީނު ފަންޑަށް ފައިސާ ހަދިޔާކުރަން ޓީވީއެމް ސްޓޫޑިއޯ-3 ގައި ފޮށްޓެއް އަދި ޓީވީއެމް ގޯތިތެރޭގައި ފޮށްޓެއް ބަހަށްޓާފައިވެއެވެ. މި ދެފޮށްޓަށް މިރޭ 10 ޖެހުމާ ހަމަޔަށް ފައިސާ ހަދިޔާ ކުރެވެއެވެ. އަދި މާލޭގެ 11 ސަރަަހައްދެއްގައި ބަހައްޓާފައިވާ 11 ފޮށްޓަށް ހަވީރު 6 ޖަހަންދެން ފައިސާ ޖަމާކުރެވެއެވެ.
މީގެ އިތުރުން މި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް އޮންލައިންކޮށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް 2 އެކައުންޓެއްވަނީ ހުޅުވާފަ އެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ. މިރޭ 11:30 ވަންދެން މިއަކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނެއެވެ.



