ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) ގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ރިކޯޑު ނަގާނެ ދުވަސް އެކުންފުނިން އިއުލާނުކޮށްފި އެވެ.
އެކުންފުނިން މިއަދު އާންމުކުރެއްވި އިއުލާނެއްގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ގައި ބައިވެރިވުމަށް އަދި 2023 ވަނަ އަހަރުގެ ޑިވިޑެންޑް ބެހުމަށް ރެކޯޑް ނަގާ ތާރީޚަކީ 26 ޖޫން 2024 ވާ ބުދަ ދުވަސް ކަމަށެވެ.
އެސްޓީއޯއިން ވަނީ މިމަހުގެ 8 ވަނަ ދުވަހު އެ ކުންފުނީގެ ހިއްސާދާރުންނާއި ބައްދަލުކޮށް އަހަރީ ރިޕޯޓް ޕަބްލިޝްކުރުމާއި، އަހަރީ އާންމު ޖަލްސާއަށް ވަމުން އަންނަ ތައްޔާރީތައް ހިއްސާދާރުންނާއި ހިއްސާކޮށްފަ އެވެ.
އެސްޓީއޯއަށް 2023 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2023ވަނަ އަހަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި މިދިޔަ އަހަރު ސާފުފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ އެކުންފުންޏަށް ލިބިފައި ވެއެވެ.
މިިދިޔަ އަހަރު ކޯޕަރޭޓް ގަވަނެންސްގެ އުސޫލު އެންމެ ރަނގަޅަށް ދަމަަހައްޓައި، އެންމެ ރަގަޅަށް ހިންގި ކުންފުންޏަކީ އެސްޓީއޯއެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އިން އާންމު ކުރި ކޯޕަރޭޓް ގަވަރނަންސް ޓްރާންސްޕޭރެންސީ އިންޑެކްސް (ސީޖީޓީއައި) ގައި ޖުމްލަ 38 މިންގަޑަކުން ކުންފުނިތައް ވަޒަން ކޮށްފައިވާއިރު، ފާއިތުވެ ދިޔަ އަހަރު އެންމެ ދެފުށް ފެންނަގޮތަށް ހިންގާފައިވަނީ އެސްޓީއޯއެވެ.
ސީޖީޓީއައި ރިޕޯޓުގެ 3 ކެޓަގަރީއަކުން އެސްޓީއޯވަނީ އެއްވަނަ ހޯދާފަ އެވެ. އެއީ، އޯނަޝިޕް ޕޮލިސީ އާއި ކުންފުނީގެ މަގުސަދުތައް، އޯގަނައިޒޭޝަން، އޮޕަރޭޝަންތައް އަދި ޕާފޮމެންސް، ސީއެސްއާރު، އިންޓާނަލް ކޮންޓްރޯލް އަދި ކޯޕަރޭޓް އިންޓެގްރިޓީއިންނެވެ. މި ކެޓަގަރީތަކުގެ އިތުރުންވެސް އެހެން ބައެއް ކަޓެގަރީތަކުންވެސް އެސްޓީއޯން ވަރަށް މަތިން މާކްސް ލިބިފައި ވެއެވެ. އޭގެ ތެރޭގައި ދައުލަތާއި ޕްރައިވެޓް ސެކްޓަރއާ ދެމެދުކުރާ މުއާމަލާތްތަކުގެ ބައިންވެސް ކޮންމެ ބަޔަކުން އެސްޓީއޯއިންވަނީ %82 މާކްސް ހޯދާފައެވެ. އަދި ކުންފުނިތަކުގެ ރަސްމީ ވެބްސައިޓުގައި ކޯޕަރޭޓް ގަވަނެންސް މެކޭނިޒަމްތައް އާންމުކުރާ މިންވަރަށް ބަލާއިރު އެ ކެޓަގަރީން އެސްޓީއޯއިން %67 ހޯދާފައި ވެއެވެ.



