”ފަލަޞްޠީނާއެކު ދިވެހީން“ ޓެލެތޯން މެދުވެރިކޮށް ފަލަޞްޠީން ފަންޑަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިން ޕީއެސްއެމްއާއި އެހެން މީޑިއާތައް ގުޅިގެން ޓެެލެތޯން ކުރިޔަށް ގެންދިޔައީ ބުދަ ދުވަހުގެ ހެނދުނު 8 އިން މެންދަމު 12 ޖެހުމާ ހަމަޔަށެވެ. މި ޓެލެތޯން މެދުވެރިކޮށް ފައިސާ ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް މާލެ ސަރަަހައްދުގައި 13 ފަންޑްފޮށި ބެހެއްޓުމުގެ އިތުރުން، ބީއެމްއެލް މެދުވެރިކޮށް އޮންލައިކޮށް ފައިސާ ޖަމާކުރުމުގެ ފުރުސަތާއި، ޓެލެތޯން ލައިވް ކަވަރޭޖް މެދުވެރިކޮށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު ޕީއެސްއެމްއިން ދީފައި ވެއެވެ.
ޓެލެތޯން ލައިވް ކަވަރޭޖް ނިންމާލުމުގެ ގޮތުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ޒީނާ ޒާހިރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ޓެލެތޯންއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށާއި، ޓެލެތޯން އަށް ފައިސާ ހަދިޔާކުރުމުގައި މިއަދު ދިވެހިން ދެއްކެވީ ވަރަށް ފުރިހަމަ ނަމޫނާއެއްކަމަށެވެ. އެގޮތުން ފަންޑަށް ދިވެހީން ހަދިޔާކުރި ފައިސާ ޕީއެސްއެމްގެ ޓީމަކާއި، މިނިވަން އޮޑިޓް ފާމެއް ގުޅިގެން ގުނާ އަދަދުތައް ކަށަވަރުކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށްދާކަމަށެވެ. އެގޮތުން، 12 ޖެހުމާއި ހަމަޔަށް ގުނާނިމި ކަށަވަރުވެފައިވާ އަދަދަކީ 13،133،927 ރުފިޔާ އާއި 34،693.42 އެމެރިކާ ޑޮލަރުކަން ޒީނާ ހާމަކުރެއްވިއެވެ.
ޒީނާ އިތުރަށް ވިދާޅުވީ، މިއަދު އެއްފަހަރާ ގިނަ ބަޔަކު ޓްރާންސްފާ ކުރަން އުޅުމުން، އެކަންކުރަން ދަތިވި ކަމަށާއި، އަދި ކައުންސިލްތަކަށްވެސް ފައިސާ ޓްރާންސްފާރ ކުރަން ދިން ސުންގަޑިއަށް އެކަންކުރުމުގައި ދަތިތަކެއް ހުރި ކަމަށެވެ. އެހެންކަމުން ޓެލެތޯންގެ ލައިވް ކަވަރޭޖް 12 ޖެހިއިރު ނިންމާލިނަމަވެސް، ބުރާސްފަތި ދުވަހުގެ ހަވީރު 6 ޖެހުމާއި ހަމަޔަށް ފަންޑަށް ފައިސާ ޓްރާންސްފާ ކުރަން ފުރުސަތު ދޭނޭކަމަށެވެ. މިގޮތަށް ނިންމީ ގިނަ ކައުންސިލްތަކުގެ އެދުމުގެ މަތިންކަމަށާއި، އަދި އެއްވެސް ބަޔަކު މިފަދަ ބޮޑު ކަމަކުން މަހްރޫމް ނުކުރުމަށްކަމަށް ޒީނާ ވިދާޅުވި އެވެ. ޒީނާ އިތުރަށް ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައި ޓެލެތޯން މެދުވެރިކޮށް ފަންޑަށް ޖަމާވި މިންވަރު ހާމަކުރައްވާނެކަމަށެވެ. އަދި، ފަންޑް ގުނާ، ކަށަވަރުކުރެވޭ މިންވަރަކުން އެ އަދަދު ޕީއެސްއެމްގެ ސްކްރީނަށް އަރުވަމުން ގެންދާނެކަމަށެވެ.
ޒީނާ ޒާހިރުވަނީ، ވަކި ވަކި ފަރުދުންނާއި، މުއައްސަސާތަކުންނާއި، ސަަރުކާރާއި އަމިއްލަ ކުންފުނިތަކުން ޓެލެތޯން މެދުވެރިކޮށް ފަލަޞްޠީނުގެ ފަންޑަށް ދީލަތި އެހީ ވެދެއްވާފައިވާތީ ޖުމްލަކޮށް ހުރިހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. ވަކިން ޚާއްސަަކޮށް ޕީއެސްއެމްއަށް އިތުބާރުކުރައްވައި، މިފަދަ ބޮޑު މަސައްކަތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕީއެސްއެމްއަށް މަތިކުރެއްވީތީ ޒީނާ ޝުކުރު އަދާކުރެއްވި އެވެ.
ޒީނާ ވިދާޅުވީ ޓެލެތޯން ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވުނީ ވަރަށް ގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އެގޮތުން ސަރުކާރު އިދާރާތަކުންނާއި ވުޒާރާތަކުންނާއި ކުންފުނިތަކުން ޓެލެތޯން އިންތިޒާމުކުރުމުގައި ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ކަވަރޭޖަށް މީޑިއާތަކުން ދެއްވި އެއްބާރުލުން ފާހަގަކޮށް ހުރިހައި މީޑިއާތަކަށްވެސް ޝުކުރު އަދާކުރެއްވި އެވެ.



