މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އިން މަސްވެރިންނަށް ދައްކަން ހުރި ފައިސާގެ ތެރެއިން މިއަދު 46 މިލިއަން ރުފިޔާ ދައްކާނެކަމަށް އެކުންފުނިން ބުނެފި އެވެ.
މިފްކޯއިން މިއަދު ބުނީ، އޮޑިވެރިންގެ ކްރެޑިޓްގައި މިހާރު ނުދެއްކި ހުރީ 80 މިލިއަން ރުފިޔާ ކަމަށެވެ. އޭގެތެރެއިން 46 މިލިއަން ރުފިޔާގެ ޕޭއިމެންޓް މިއަދުގެ ނިޔަލަށް އޮޑިވެރިންނަށް ޖަމާކޮށްދޭނެކަމަށެވެ. އަދި، ފިޝަރީޒް މިނިސްޓްރީއާއި ސަރުކާރާއި ގުޅިގެން ބާކީ ހުރި ކްރެޑިޓް ފައިސާވެސް ދައްކަން މަސައްކަތްކުރަމުން އަންނަކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން ބުނީ މަސްކިރާ މިންވަރު މައްޗަށް ދިއުމުން އަބަދުވެސް ކްރެޑިޓް އިތުރުވަމުން އަންނަކަމަށާއި، އެކަމުގެ ގޮންޖެހުުން އަރައިގަތުމަށްވެސް މަސައްކަތްކުރަމުން އަންނަކަމަށެވެ. މީގެ އިތުރުންވެސް ސަބްސިޑީއާ ނުލައި ކުންފުނި ހިންގާނެ ގޮތެއް ހޯދަމުން އަންނަކަމަށެވެ. ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެފައިވަނީ، ކުރިޔަށް އޮތް 3 އަހަރުތެރޭ ސަބްސިޑީއާ ނުލައި މިފްކޯ ހިންގޭނެ ގޮތަކަށް މަސައްކަތް ބައްޓަން ކުރަމުން އަންނަކަމަށެވެ.
މިފްކޯއިން އިތުރަށް ބުނެފައިވަނީ، ކަނޑުއޮށްގިރި ފަސިލިޓީ ހުޅުމާލެއަށް ބަދަލުކުރުމުގެ މަޝްވަރާވެސް ފިޝަރީޒް މިނިސްޓްރީއާއެކު ކުރަމުން އަންނަކަމަށާއި، އަދި އެކަމަށް ވަކި ގޮތެއް ނުނިންމާކަމަށެވެ.



