ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އިން ކާމިޔާބުކޮށްފި އެވެ.
ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް އިއްޔެ ބޭއްވި ބައި-އިލެކްޝަނުގައި ވާދަކުރެއްވީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)އިން ޖާދުﷲ ހަނީފް އަދި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އިން އަބްދުﷲ ޖަލީލެވެ. އިލެކްޝަންސް ކޮމިޝަނުން ރޭ އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން، މިއިންތިޚާބު ބޮޑުތަނުން ކުރި ހޯދައި ކާމިޔާބުކުރީ ޕީއެންސީ ކެންޑިޑޭޓެވެ. އޭނާއަށް 826 ވޯޓު ލިބުނުއިރު، އިދިކޮޅު ކެންޑިޑޭޓަށް ލިބުނީ 624 ވޯޓެވެ. މި އިންތިޚާބުގައި 2398 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުނަމަވެސް، ވޯޓުލީ 1583 މީހުންނެވެ. އެއީ، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ %61.84 އެވެ.
އިއްޔެ ވަނީ، ލ. ގަމު ކައުންސިލްގެ މެންބަރު އަދި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށްވެސް ބައި-އިލެކްޝަންތަކެއް ބާއްވާފަ އެވެ. ލ. ގަމު ކައުންސިލް މެންބަރުކަމަށްވެސް ވާދަކުރީ ޕީއެންސީންނާއި އެމްޑީޕީން އެކަންޏެވެ. އިލެކްޝަންސް ކޮމިޝަނުން ރޭ އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން، މިއިންތިޚާބު ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަފްސަލް ޖައުފަރެވެ. އޭނާއަށް 894 ވޯޓު ލިބުނުއިރު، ޕީއެންސީ ކެންޑިޑޭޓް އަލީ ނަޝީދަށް ލިބުނީ 644 ވޯޓެވެ. މި އިންތިޚާބުގައި 3671 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުނަމަވެސް، ވޯޓުލީ 1566 މީހުންނެވެ. އެއީ، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ %42.66 އެވެ.
މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް އިއްޔެ ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވީ އަމިއްލަގޮތުން ވާދަކުރެއްވި ރީމާ ހަސަން(ރީމް) އެވެ. އޭނާ އިންތިޚާބު ކާމިޔާބުކުރީ 336 ވޯޓުންނެވެ. ޕީއެންސީން ވާދަކުރެއްވި ކެންޑިޑޭޓް މިޒްނާ ތައުފީގަށް ލިބުނީ 282 ވޯޓެވެ. މި އިންތިޚާބުގައި 1332 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުނަމަވެސް، ވޯޓުލީ 627 މީހުންނެވެ. އެއީ، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ %47.07 އެވެ.
ސިޔާސީ ޕާޓީތަކުގެ ތެރެއިން މި ތިން ބައި އިލެކްޝަންގައި ވެސް ވާދަކުރީ ވެރިކަން ކުރާ ޕީއެންސީންނާއި އިދިކޮޅު އެމްޑީޕީންނެވެ. މުލަކު އަންހެން ގޮނޑިއަށް ވާދަކުރެއްވީ ޖުމްހޫރީ ޕާޓީ އަންހެނުންގެ ރޫހުގެ ރައީސާއެވެ. އެކަމު އޭނާ އިންތިޚާބުގައި ވާދަކުރެއްވީ އަމިއްލަގޮތުންނެވެ.




