ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް، ސިޑްސްގެ 4 ވަނަ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު އެންޓިގުއާ އެންޑް ބާބިއުޑާއަށް ކުރެއްވި ދަތުރުފުޅަށް 3.8 މިލިއަން ރުފިޔާ ޚަރަދުވިކަން ރައީސް އޮފީހުން ހާމަކޮށްފިއެވެ.
މެއި މަހުގެ 27ން 30އަށް ކުރިއަށް ދިއަ މި ކޮންފަރެންސަކީ ކޮންމެ 10 އަހަރަކުން އެއްފަހަރު ބާއްވާ މަހާސިންތާ އެކެވެ. އެ މަހާސިންތާއަކީ ތަރައްގީވަމުން އަންނަ ކުދި ގައުމުތައް ބައިވެރިވާ މަހާސިންތާ އެކެވެ.
މި ދަތުރުފުޅުގެ ހަރަދުތަކަށް ބަލާއިރު އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ ޓިކެޓަށެވެ. އެގޮތުން އެ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި 16 ބޭފުޅުންގެ ޓިކެޓަށް 2،644،485.88ރ. (ދެ މިލިއަން ހަލައްކަ ސާޅީސް ހަތަރުހާސް ހަތަރުސަތޭކަ އަށްޑިހަ ފަސް ރުފިޔާ އަށްޑިހަ އަށް ލާރި) ވަނީ ޚަރަދުވެފައެވެ.
ދެވަނައަށް އެންމެ ބޮޑު ހަރަދެއް ހިނގީ އެކޮމޮޑޭޝަނަށެވެ. އެކޮމޮޑޭޝަން ހަރަދުވީ 618،043.67ރ. (ހަލައްކަ އަށާރަހާސް ސާޅީސް ތިން ރުފިޔާ ފަސްދޮޅަސް ހަތް ލާރި) އެވެ.
އޭގެއިތުރުން، ކެއިންބުއިމުގެ ހަރަދަށް 164،014.17ރ. (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ސާދަ ރުފިޔާ ސަތާރަ ލާރި)، ސްޓޮޕް އޯވާތަކަށް 18،468ރ. (އަށާރަހާސް ހަތަރުސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ) ޚަރަދުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ޓްރާންސްޕޯޓު ހަރަދަށް 271،956.52ރ. (ދެލައްކަ ހަތްދިހަ އެއްހާސް ނުވަސަތޭކަ ފަންސާސް ހަ ރުފިޔާ ފަންސާސް ދެ ލާރި)، ޕޮކެޓު މަނީގެ ގޮތުގައި 16 މީހުންނަށް، ބޮލަކަށް 8832ރ.، އިންސިޑެންޓަލް ހަރަދަށް 6134 ރުފިޔާ ހޭދަވެފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ.
ސިޑްސް ކޮންފަރެންސަކީ ކޮންމެ 10 އަހަރަކުން ބާއްވާ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުންނާއި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާ ކުރެވޭ ކޮންފަރެންސެކެވެ.



