މިއީ އެއްހަށިގަނޑެއް ފަދަ އުންމަތެއް ކަމުގެ އެންމެ އަލިގަދަ ހެއްކަކީ، ފަލަޞްޠީނަށްޓަކައި މި ޢީދުގައި ދުނިޔޭގެ ހުރިހާ ޤައުމުތަކެއް ކޮށްދެމުންދާ ހެޔޮ ދުޢާތަކާ، ފޯރުކޮށްދެމުންދާ ދީލަތި އެހީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްްޖެއެވެ.
1445 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ވަނީ، އުފާވެރި ބޮޑު ޢީދުގެ ތަހްނިޔާއާއި ހެޔޮދުޢާތައް ދިވެހި ރައްޔިތުންނަށާ، މުޅި އިސްލާމީ އުންމަތަށް އަރިސްކުރައްވާފައެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ހުރިހާ ކަންކޮޅެެއްގައި މުސްލިމުން ފާހަގަކުރާ ޢީދުގެ މި މުނާސަބާ ރަމްޒުކޮށްދެނީ، މާތް ނަބިއްޔާގެ ބަސްފުޅުގައި ވާފަދައިން، މިއީ އެއްހަށިގަނޑެއް ފަދަ އުންމަތެއް ކަން ކަމަށެވެ.
އެގޮތުން ހަށިގަނޑުގެ ގުނަވަނެއްގައި އަޅާ ކޮންމެ ވޭނެއް މުޅި ހަށިގަނޑު ބަރުދާސްކުރާކަމުގެ އެންމެ އަލިގަދަ ހެއްކަކީ، ފަލަޞްޠީނުގެ އުޚުއްވަތްތެރި މުސްލިމުންނަށްޓަކައި މި ޢީދުގައި ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ މުސްލިމުންވެސް ކޮށްދެމުންދާ ހެޔޮ ދުޢާތަކާ، ވީވަރަކުން ފޯރުކޮށްދެމުންދާ ދީލަތި އެހީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އަހަރުގެ އަޟްޙާ ޢީދުގައި ކޮންމެ ރައްޔިތަކު އެންމެ އިސްކުރަނީ، މުސްލިމުންގެ މުޤައްދަސް މިސްކިތާއި، އެތައް ނަބީ ބޭކަލެއްގެ ލޮބުވެތި ވަޒަންކަމުގައިވި ފަލަޞްޠީނުގެ އަހުލުވެރީންނަށް ހެޔޮ ދުޢާކޮށްދިނުން ކަމަށެވެ.
އަދި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ، ފަލަޞްޠީނުގެ މުސްލިމުންނަށް ދެމުންގެންދާ ބޮޑެތި އަނިޔާތަކާ ދެކޮޅުހަދައި، މަސްޖިދުލްއަޤްޞާ މިނިވަންކުރުމުގެ މަތިވެރި ޖިހާދުގައި ހިތާއި ރޫޙުން ބައިވެރިވެ، ސަހަރޯވެރިވުމުގައި ކަމަށް ވެސް ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ ދިވެހީންގެ ހިތްތަކުގައި ޚާއްޞަ ލޯތްބަކާ ކުލުނެއް ދެވިފައިވާ ފަލަޞްޠީނުގެ މުސްލިމް ކޮންމެ ޢާއިލާއަކާ، ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުޢާތައް ތަކުރާރު ނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއްވެސް އެމަނިކުފާނު ވެސް ދުލެއް ނުކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ބަރަކާތްތެރި އަޟްޙާ ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރަނީ ޙައްޖުގެ މަތިވެރި އަޅުކަމާ، ޢަރަފާތު ދުވަހުގެ އިމެއް މިނެއްނެތް ރުއްސެވުމާ ފުއްސެވުމަށްފަހުގައި ކަމަށެވެ.
އަދި ކީރިތި ޤުރުއާނުގައި އެ 10 ރެއެއްގެ މާތްކަން ގަންދެއްވައި މާތްﷲ ހުވައިގެ ބަސްފުޅު ވަޙީކުރައްވާފައިވާ ޙައްޖުމަހުގެ ފުރަތަމަ 10 ރޭ ނިމުމާއެކުގައި ކަމަށެވެ.
ބޮޑު ޢީދު ދުވަހުގެ ފަހަށް ތަރުތީބުވަނީ، އުފަލާ، އެކުވެރިކަމާ، ހެޔޮފޯރުވުމާ، ތަކުބީރު ތަހުލީލު ގިނަކުރުމުގައި މުޅި އުންމަތް ބައިވެރިވާ އައްޔާމުއްތަޝްރީޤުގެ 3 ދުވަސް ކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި ވިދާޅުވީ ޙައްޖާއި ބޮޑު ޢީދުގެ އަޅުކަންތަކާ، ޤުރުބާންކުރުންތަކުން ޒިކުރާ އައުކޮށްދެނީ، މީގެ އެތައްސަތޭކަ އަހަރެއް ކުރީން، ﷲގެ ޚަލީލް، އަދި މުސްލިމްތަކުންގެ މާތް ބައްޕާފުޅު، ސަލާމްލެއްވި އިބްރާހީމް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅާ ގުޅިފައިވާ، ޢިބްރަތްތެރި ދަރެސްތައް ކަމަށެވެ.
އަދި މިއީ، ހެޔޮ ކަންކަމުން ފުރިގެންވާ އިސްލާމީ މުނާސަބާއެއް ކަމަށެވެ.
އެހެންކަމުން، ބޮޑު ޢީދުގެ މި ބަރަކާތްތެރި މުނާސަބާގައި ދިވެހި ހުރިހާ ރައްޔިތުންނަށް ކުރާ އެންމެ މުހިންމު އިލްތިމާސަކީ، ﷲ ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ މަތީން އަބަދުމެ ހަނދާން ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ޢީދުގެ އުފާ ފައުޅުކުރުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓުމާއި، އިސްލާމީ އަޚްލާޤާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި، ފުރެއްދެ ސަގާފަތްތައް ޢީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރުމަށް ވެސް ރައީސް އިލްތިމާސްކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޢީދަކީ، ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މެހްމާނުން ޒިޔާރަތްކުރުން ގިނަ އުފާވެރި ފޯވައްސަކަށް ވާތީ، ކާބަފައި ޒަމާނުއްސުރެ ދަމަހައްޓަމުން އައި ކަމޭހިތުމާ، އިޙްތިރާމާއެކު މުޢާމަލާތުކުރުމާ، އެއްބަޔަކު އަނެއް ބަޔަކާ ރީތިބަހުން ވާހަކަދައްކައި، ހެޔޮފޯރުވުމުގެ ރީތި އުޞޫލުތައް ދިރުވައި އާލާކުރުމަށް، ކޮންމެ ރަށަކާ ކޮންމެ ޢާއިލާއަކުން ވެސް އިސްކަން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ދަރީންނަށް ބުނެދޭންވީ، ޢީދުގެ ދިއްލުންތަކާ، އުފާފާޅުކުރުންތަކާ، އެކަކު އަނެކަކާ ސަލާންގަލާންކޮށް، ޙާލުބަލައި، ތަކްބީރުތަހުލީލު ކިޔައި، އިޖްތިމާޢީ ރޫޙު އާލާކޮށް، ކުޅިވަރުކުޅެ އުޅުމަކީ، އިސްލާމްދީނުގެ ފުރިހަމަކަމާ ޝާމިލްކަމުގެ ހެކިތަކެއް ކަމަށެވެ.
މިފަދަ ކޮންމެ މުނާސަބާއެއްގައި އިސްލާމްދީނާއި ދިވެހިވަންތަކަމަށްޓަކައި ފަޚުރުވެރިވާން ދަރީންނަށް އުނގަންނައިދީ، އިސްލާމީ ރިވެތި އާދަތަކަށް ދަރީން ހޭނުވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް ރައީސް އެދިވަޑައިގެންފައިވެއެވެ.



