ގޭގެ ވެރިފަރާތުގެ އެދުމުގެ މަތިން ފެނުގެ ޚިދުމަތްދޭ ކުންފުނިން ފެން މީޓަރުގައި ތަޅު އެޅުވުމުގެ މައްސަލަތަކެއް ރިޕޯޓްކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އެޗްއާރްސީއެމްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފަހަކަށް އައިސް، ހިއުމައިން ރައިޓްސް ކޮމިޝަންގެ ގާނުނުގެ ދަށުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ އެކި އެކި މައްސަލަތަކަށް ބަލާއިރު، ފެނުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަށް ގަވާއިދުން ބިލު ދައްކަމުންދަނިކޮށް، ގޭގެ ވެރިފަރާތުގެ އެދުމުގެ މަތިން ފެން މީޓަރުގައި ކުންފުނީގެ ފަރާތުން ތަޅު އެޅުވުމުގެ މައްސަލަ އާއި، ފެނުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަކަށް އެންގުމަކާއި ނުލައި، ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅު އަޅުވައި، ފެނުގެ ޚިދުމަތް މެދު ކަނޑާލުމުގެ މައްސަލަތައް އެ ކޮމިޝަނަށް ހުށަހަޅަމުންދާކަަމަށެވެ. އަދި މިފަދަ މައްސަލަތައް، ތަހުގީގުކުރަމުން ގެންދާ ކަމަށްވެސް އެކޮމިޝަނުން ބުނެފައި ވެއެވެ.
އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވަނީ އެ ކޮމިޝަނަށް ހުށަހެޅޭ އެފަދަ މައްސަލަތަކުގައި، މައްސަލައިގައި ޝާމިލުވާ ފަރާތްތަކާއި ގުޅުން ހުރި އިދާރާތަކާއެކު، މަޝްވަރާކޮށްގެން ބައެއް މައްސަލަތަކުގައި ހައްލުހޯދައި ދެވިފައިވާކަންވެސް ފާހަނގަކޮށްފައި ވެއެވެ. އަދި، ފެނުގެ ޚިދުމަތް މެދުކަނޑާލުމުން ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭހެން އެއް ގެއެއްގައި ނުވަތަ ގޭބިސީގައި ދިރިއުޅެމުންދާ ފަރާތްތަކަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރުމަކީ، އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަނގަކޮށްފައި ވެއެވެ.
އެޗްއާރްސީއެމްއިން ބުނީ ގާނޫނު އަސާސީގައި، ބަޔާންކޮށްފައިވާ ގޮތުގެމަތީން މެނުވީ އެއްވެސް ހައްގެއް އެއްވެސް މިންވަރަކަށް ނު ހިފެެހެއްޓޭނޭކަމަށެވެ. އެހެންކަމުން، އާންމު ފަރުދުންގެ މެދުގަޔާއި، އާންމު ފަރުދުންނާއި، އިދާރާތަކާ ދެމެދުގައި ދިމާވާ މައްސަލަތަކުަގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން ގުޅުންހުރި އިދާރާތަަކަށް އެ މައްސަލައެއް ހުށަހެޅުމަށާއި، ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެހައި ފަރާތްތަކަށް އެޗްއާރްސީއެމްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 2 ވަނަ ބާބުގައި ކަނޑައެޅިފައިވާ އަސާސީ ހައްގުތަކަކީ، ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަައިން، އެއްވެސް ތަފާތު ކުރުމެއްނެތި ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގުތަކެކެވެ. ގާނޫނު އަސާސީގެ 23 ވަނަ މާއްދާގެ (ހ)އިން ސާފުފެން ފުދޭ މިންވަރަށް ލިބުމުގެ ހައްގު ވަނީ ކަށަވަރުކޮށްދީފަ އެވެ.



