ބަރަކާތްތެރި އަޟްޙާ ޢީދާއި ގުޅުވައިގެން އައްޑޫސިޓީގައި ކުލައާއި ފެންޖެހުން މަނާކޮށްފި އެވެ.
މިކަމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، މިއަދު އީދު ފާނހަގަކުރަމުންދާއިރު، އާންމު ތަންތަނާއި މަގުތަކުގައި އާންމުންނަށް އުނދަގޫވާނެހެން ފެނާއި ކުލަ ޖެހުމަކީ މަނާ ކަމެއް ކަމަށެވެ. އަދި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި ދޭތެރޭ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ކައުންސިލުން ބުނެފައި ވެއެވެ.
ކައުންސިލުން ބުނީ، އީދާއި ގުޅުވައިގެން މިފަދަ ހަރަކާތްތައް ހިންގުމަށް ކައުންސިލުން ވަކި ސަރަޙައްދުތަކެއް ކަނޑައަޅާފައިވާކަމަށެވެ. އަދި އެއްވެސް ފަރާތަކުން އެފަދަ ހަރަކާތެއް ހިންގަން ބޭނުންވާނަމަ ކައުންސިލްގެ ހުއްދަ ލިބިގެން ކަނޑައެޅޭ ވަކި ސަރަޙައްދުތަކުގައި ހަރަކާތްތައް ހިންގުމަށް ހުއްދަދޭނެކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.
ކޮންމެ އީދެއްގައިވެސް، ފެނާއި ކުލަ ޖެހުމަކީ އައްޑޫ ސިޓީގައި ޒުވާނުންގެ މެދުގައި އާންމުކޮށް ކުރަމުން އަންނަކަމެކެވެ.



