މާލެ ސިޓީ، ދަރުބާރުގެ ކައިރީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން އިތުރު ދެމީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ރޭ 10:30 ހާއިރު ދަރުބާރުގޭ ކައިރީ ބަޔަކު މީހުން ހިންގި މާރާމާރީއެއްގައި އެކަކަށް އަނިޔާތަކެއް ލިބި ސެނެހިޔާގައި ފަރުވާ ދީފައި ވެއެވެ. އެހެންނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ރޭ ފުލުހުން ބުނެފައި ވެއެވެ.
ރޭ އެ ހާދިސާ ހިނގިފަހުން ފުލުހުން ބުނެފައިވަނީ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި މިއަދު ބުނެފައިވަނީ އިތުރު ދެމީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެހެންކަމުން، މިހާތަނަށް މި މާރާމާރީގައި ފުލުހުންގެ ބެލުމުގެ ދަށަށް 4 މީހަކު މިވަނީ ގެންގޮސްފަ އެވެ. މިއެންމެންނަކީވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައަކީ ތަހުގީގުކުރަމުންދާ މަައްސަލައަކަށްވާތީ ހައްޔަރުކުރި މީހުންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.



