ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން ކުޅިވަރުގެ ދާއިރާއިން ނޫސްވެރިކަމުގެ ކޯހެއް ހިންގަން ނިންމައި، އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކުޅިވަރު މީޑިއާއަށް މީހުން އަހުލުވެރިކުރުވައި ތަމްރީންކުރުމުގެ މަޤުސަދުގައި ފަށަން ނިންމި މިކޯހުގައި، ޓީވީ އަދި ރޭޑިއޯ ކުޅިވަރު ޕްރޮގްރާމް ހުށެހެޅުމާއި، ރޭޑިއޯ އަދި ޓީވީ ޕްރޮގްރާމް އުފެއްދުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ކުޅިވަރު ކޮންޓެންޓް ތައްޔާރުކޮށް، ކުޅިވަރުގައި މާކެޓިންގެ މުހިންމުކޮށް ކޯހުގެ ބައިވެރިންނަށް އުގަންނައިދޭނެކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފައި ވެއެވެ.
ސެޓްފިކެޓް 1 އިން ސްޕޯޓްސް މީޑިއާ އެންޑް މާކެޓިންގ ކޯހަކީ ތިން ހަފުތާގެ މުއްދަތަކަށް ހިންގާ ފުލްޓައިމް ކޯހެކެވެ. އުމުރުން 16 އަހަރުވެފައިވާ އިނގިރޭސި ބަހުން މުއާމަލާތްކުރަން އިނގޭ ކޮންމެ ދިވެއްސަކަށް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން، މިމަހުގެ 21 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކަމަށް ޚާއްސަ ފޯމު ހުށަހެޅުމަށް ސްޕޯޓްސް މިނިސްޓްރީން އެދިފައި ވެއެވެ. އެޕްލިކޭޝަން ފޯމް ލިންކަކީ https://forms.gle/Mgq8AvrqehVVJUdm6އެވެ.
25 ފަރާތަކަށް މި ކޯހުގައި ކިޔެވުމުގެ ފުރުސަތު ލިބޭއިރު، މިކޯހަށް ބައިވެރިން ހޮވުމުގައި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ކުޅިވަރު ދާއިރާގައި މަސައްކަތްކުރާ ފަރާތަތްކުގެ އިތުރުން ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ފަރާތަތްކަށް އިސްކަންދެއެވެ. އަދި، މި ކޯހުގައި ކިވައިދެއްވާނީ ރާއްޖެއިން ބޭރުގެ ކަމާ ގުޅުންހުރި ތަޖުރިބާކާރެކެވެ.
ހިލޭ ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. އަދި، ކޯހުގެ ކިޔެވުން އޮންނާނީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ.ބޯޅަގެ) ގައި ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފައި ވެއެވެ.
މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އަކީ، މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ދަށުން ހިންގަމުން އަންނަ ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޚާއްސަ އިދާރާއެވެ.




