ޅ. އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) ކަށަވަރުވެއްޖެއެވެ.
ޕީއެންސީއަށް މި ގޮނޑި ކަށަވަރުވީ، ޅ އަތޮޅު ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް ބައި-އިލެކްޝަނެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން(އީސީީ)އިން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދިން މުއްދަތު ހަމަވީއިރު އެ އިންތިޚާބަށް ކުރިމަތިލާފައި ވަނީ ޕީއެންސީން އެކަނި ކަމަށްވާތީ އެވެ. ޖުލައި 20 ވަނަ ދުވަހު ބައި-އިލެކްޝަނެއް ބޭއްވުމަށް އީސީން ނިންމާފައި އޮތްނަމަވެސް، އެންމެ ފަރާތަކުން ކުރިމަތިލާފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި މުޙައްމަދު ސަނީ/ މުނިމާގެ، ޅ. ނައިފަރު އިންތިޚާބުވެފައިވާކަން ރޭ އީސީން ވަނީ އިއުލާނުކޮށްފަ އެވެ.
ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް ޖޫން 14 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންވެސް ޕީއެންސީން ވަނީ ކާމިޔާބުކޮށްފަ އެވެ. އެ އިންތިޚާބުގައި ޕީއެންސީން ވާދަުރެއްވި ޖާދުﷲ ހަނީފް ގޮނޑި ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުން އިދިކޮޅު އެމްޑީޕީ ކެންޑިޑޭޓް ބަލިކޮށްގެންނެވެ.
ޅ. ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމާއި، ރ. ހުޅުދުއްފާރު ކައުންސިލް މެންބަރުކަމަށް މީހުން އިންތިޚާބުކުރުމަށް ޖުލައި 20 ވަނަ ދުވަހު ބާއްވަން އުޅުނު ބައި-އިލެކްޝަނަށް މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައިވެސް ކުރިމަތިލާފައިވަނީ ޕީއެންސީން އެކަންޏެވެ. އެހެންކަމުން ރ. ހުޅުދުއްފާރު ކައުންސިލް މެންބަރުކަމަށް ޕީއެންސީން ކުރިމަތިލެއްވި ޢަބްދުﷲ ސާމިޙު އަދި ޅ. ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލެއްވި ފާތިމަތު މޫސާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބުވެއްޖެކަން އީސީން ވަނީ އާންމުކޮށް އަންގައި ރޭ އިއުލާނުކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ނިންމަވާފައިވަނީ ޖުލައި 20 ވަނަ ދުވަހު 10 ބައި-އިލެކްޝަނެއް އެހެންނަމަވެސް، ޕީއެންސީއަށް ތިން ބައި-އިލެކްޝަން ކާމިޔާބުވުމާއެކު، ޖުލައި 20ގައި ދެން އޮންނާނީ 6 ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނެވެ. އެއީ، ފ. ބިލެތްދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރު އިންތިޚާބުކުރުމާއި، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބުކުރުމާއި، މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބުކުރުމާއި، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބުކުރުމާއި، ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައިި-އިލެކްޝަންތަކެކެވެ.
މިއިން ކޮންމެ ބައި-އިލެކްޝަނަކަށް ދެ ބޭފުޅުން ކުރިމަތިލައްވާފައިވާއިރު ޖޫން 15 ވަނަ ދުވަހު އީސީން ވަނީ، އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނަގައި ނަން ތަރުތީބުކޮށްފަ އެވެ.




