ދިވެހި ޙައްޖުވެރިން މިނާއަށް ދަތުރު ފަށާފައިވާކަމަށް ހައްޖު މިޝަންއިން ބުނެފި އެވެ.
ހައްޖާޖީންގެ ކަންކަން ވިލަރެސް ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހައްޖު މިޝަނުން ބުނީ، މުޒްދަލިފާގައި ރޭކުރުމަށްފަހު ހުރިހައި ހައްޖާޖީންވެސް މިހާރު މިނާއަށް ދަތުުރުފަށާފައިވާކަމަށެވެ. ހުރިހައި ހައްޖާޖީންގެ ހާލަތުވެސް އާންމުގޮތެއްގައި ރަނގަޅުކަމަށް އެ މިޝަނުން މައުލޫމާތު ދީފައި ވެއެވެ.\
ހައްޖު މިޝަނުން ބުނީ، ދިވެހި ހާޖީންނަށް ބޭނުންވާ ހުރިހައި ޚިދުމަތެއް ވަރަށް ފުރިހަމައަށް ތަރުތީބުކުރެވިފައިވާކަމަށާއި، ހައްޖުގެ އިންތިޒާމުތައް ސައުދީ ސަރުކާރުންވެސް ވަރަށް ފުރިހަމަޔަށް އިންތިޒާމުކޮށްފައި ވާކަމަށެވެ. ހައްޖުވެރިން މުގައްދަސް ބިންތަކަށް ދަތުރުކުރާއިރު ކުރިމަތިވެދާނެކަމަށް ބަލައި ސައުދީން ވަނީ ސަލާމަތީ ފިޔަވަޅުވެސް ވަރުގަދަކޮށް، ސިއްހީ ޚިދުމަތްތަކާއި ޕެރާމެޑިކްސް ޚިދުމަތްތައްވެސް ކުއްލި ހާލަތްތަކުގައި ވީ އެންމެ އަވަހަށް ފޯރުކޮށްދެވޭނެ އިންތިޒާމުވެސް ހަމަޖައްސާފަ އެވެ.
މިއަހަރު ހައްޖުގެ އަޅުކަން 1150 ދިވެހިން އަދާކޮށްފައިވެއެވެ. މީގެ ތެރޭގައި ދައުލަތުގެ ޚަރަދުގައި ހައްޖަށްދިޔަ 150 މީހުންނާއި، ހާޖީންގެ އެހީތެރިންނާއި، ނަރުހުންނާއި، ޑޮކްޓަރުން ހިމެނެއެވެ. މި އެންމެންވެސް ސައުދީއަރައްބިއްޔާއަށް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ.



