ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 2023 ވަނަ އަހަރު ލިބިވަޑައިގެންފައިވާ މުޙައްމަދު ޒަކީ އަވަހާރަވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
މުޙައްމަދު ޒަކީ، އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވީ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ހިއްސާ ކުރެއްވި މެސެޖެއްގަ އެވެ. އެ މެސެޖުގައި މަރްޙޫމަށް ސުވަރުގޭގެ ނިޢުމަތް މިންވަރުކޮށްދެއްވުމަށާއި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވެސް ވަނީ މުޙައްމަދު ޒަކީ، އަވަހާރަވުމާއި ގުޅިގެން ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ތަޢުޒިޔާ ވިދާޅުވެފަ އެވެ.
މަރްޙޫމް މުޙައްމަދު ޒަކީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 3 މާރިޗު 1973 ގައެވެ. އުމުރުން 65 އަހަރުވެގެން، 28 އޮކްޓޫބަރު 2020 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއަރ ޕްރިންޓިންގ ސުޕަވައިޒަރެއްގެ މަގާމުގަ އެވެ. ދައުލަތަށް 47 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި، ޒަކީގެ މަސައްކަތުގެ އަގު ދައުލަތުން ވަޒަންކޮށް އޭނާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ވަނީ އަރުވާފަ އެވެ.
މުހައްމަޒު ޒަކީ އަވަހާރަވީ ރޭ އައިޖީއެމްއެޗްގަ އެވެ. ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު ނަމާދަށްފަހުއެވެ.



