މިއަހަރުގެ ހައްޖު ދުވަސްވަރު 126،000 އަށްވުރެ ގިނަ ހައްޖާޖީން ފުރިހަމަ ސިއްހީ ފަރުވާ ހޯދާފައިވާކަމަށް ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުލްގައިދާ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަޟްހާ އީދު ދުވަހާއި ހަމަޔަށް ޚާއްސަ ކްލިނިކްތަކުންނާއި، ފާމަސީތަކުންނާއި، ކިޑްނީ ޑައިލަސިސް ސެންޓަރުތަކާއި، އައިސީޔޫ އަދި އައިސޮލޭޝަން ޔުނިޓްތަކުގައި ހައްޖާޖީން މި ދުވަސްވަރު ފަރުވާ ހޯދާފައި ވެއެވެ. އެގޮތުން މި މުއައްދަތުގެ ތެރޭގައި 257 ހިތުގެ އޮޕަރޭޝަނެއްކޮށް، 939 ހައްޖުވެރިންނަށް ޑައިލެސިސް ފަރުވާ ދީފައި ވެއެވެ.
މީގެ އިތުރުންވެސް ހޮސްޕިޓަލްތަކާއި މެޑިކަލް ސެންޓަރުތަކުގައި އެނދުމަތިކޮށްގެން 3،058 ހައްޖާޖީންނަށް ފަރުވާ ދީފައިވާކަމަށް ސައުދީ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން 1.8 މިލިއަން މީހުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރި އެވެ. ސައުދީ އަރަބިއްޔާއިން އޮތީ ހައްޖުވެރިންނަށް ބޭނުންވާ ސިއްހީ ޚިދުމަތްތައް ދިނުމަށް ވަރަށް ފުރިހަމަޔަށް ތައްޔާރުވެފަ އެވެ.



