ރ. އިނގުރައިދޫ ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފި އެވެ.
ފެނަކައިން ބުނީ، އިނގުރައިދޫގައި ހިންގަމުން ގެންދާ 3 ޖެނެރޭޓަރުގެ ތެރެއިން 1 ޖެނެރޭޓަރަކަށް މައްސަލައެއް ދިމާވެފައިވާކަމަށެވެ. އެހެންކަމުން މިދިޔަ 3 ދުވަހު މުޅި އެރަށުން ކަރަންޓް ކެންޑުން ތަކުރާރުވެފައި ވާކަމަށެވެ.
ފެނަކައިން ބުނީ، އިނގުރައިދޫ ކަރަންޓްކެނޑެމުން އަންނަ މައްސަލަ ހައްލުކުރުމަށް މިހާރު ފެނެކައިގެ ފަންނީ ޓީމެއް މިހާރު މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ފެނަކައިން ދަނީ އެ ކުންފުނިން ޚިދުމަތްދޭ ރަށްރަށުގެ ތެރެއިން ކަރަންޓް މެދުކެނޑޭ ރަށްރަށަށް އެކަމުގެ ހައްލު ހޯދައިދެމުންނެވެ. މިމަހުގެ 15 ވަނަ ދުވަހު ގދ. ހޯޑެއްދޫ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ ރަށުގެ ބައެއް ސަރަހައްދުތަކުންވެސް ކަރަންޓު ކެނޑުނެވެ. ފެނަކަ ޓީމުން ވަނީ އެރަށުގެ ކަރަންޓް ކެނޑޭ މައްސަލަ ހައްލުކޮށްފަ އެވެ.
ފެނަކައިން ދަނީ، އެކުންފުނިން ޚިދުމަތްދޭ ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްވެސް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން، ދާދަ ފަހުން ވަނީ ހދ. ކުޅުދުއްފުށީ ކަރަންޓް މައްސަލަ ހައްލުކުރުމަށް 800ކވ އަދި 1200ކވ ގެ ދެ ޖެނެރޭޓަރު އެރަށަށް ގެންގޮސްފައެވެ. މީގެ އިތުރުން ހދ. ހަނިމާދޫ އަށްވެސް ވަނީ 1200ކވ ގެ ޖެނެރޭޓަރު ފޮނުވަާފަ ވެއެވެ. ފެނަކައިން ބުނީ އެކުންފުނިން ޚިދުމަތްދޭ ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެކަމުގެ ޔަގީންކަންދޭ ކަމަށާއި، އެހެން ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެ ކޯޕަރޭޝަނުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ފެނަކައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 157 އިންޖީނުގެ ގާއިމުކޮށް، ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.


