ފަލަޞްޠީނުގެ ގާޒާގެ ރަފްހް އަވަށާއި، މިސްރު ގުޅޭ ސަރަހައްދީ އިމުގެ ރަފަހް ފަޅީގައި ހުންނަ ޑިޕާޗަރ ހޯލް އިޒްރޭލު ސިފައިން އަންދާލައިިފި އެވެ.
ފަލަޞްޠީނުގެ ސަލާމަތީ ބާރުތަކާއި ހަވަލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އިޒްރޭލުން ހިންގި މި އުދުވާނުގައި، އެ އިމާރާތުގައި ހުރި ލައުންޖްތަކާއި، އެހެނިހެން ހުރިހައި ޚިދުމަތެއް ދޭ ވަޞީލަތްތައް ވަނީ އަނދާ ހުލިވެފަ އެވެ. އަދި، މި ލިބުނު ގެއްލުންތަކުގެ ސަބަބުން ޚިދުމަތްތައް މުޅިން ހުއްޓުމަކަށް އައިސްފައިވާކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.
އިޒްރޭލުގެ މިއަމަލާއި ގުޅިގެން ހަމާސް ޖަމާއަތުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ އިޒްރޭލުގެ ހަމަލާއަކީ، ގާޒާގެ މަދަނީންނާއި ދެކޮޅަށް އިޒްރޭލުން ހިންގި ހަނގުރާމައިގެ ކުށެއްކަމަށާއި، އަދި އިންސާނިއްޔަތާއި ޚިލާފު ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި، މިހަމަލާގެ ޒިންމާ އިޒްރޭލުން ނަގަންޖެހޭނެކަމަށް ބުނެ، ބައިނަލްއަގުވާމީ މުޖުތަމައުން މިކަން ކުށްވެރިކޮށް އިޒްރޭލަށް ފިޔަވަޅު އެޅުމަށް ހަމާސްއިން ގޮވާލާފައި ވެއެވެ.
އިޒްރޭލުން ރަފަހް ޑިޕާޗާރ ހޯލް އަންދާލުމާއި ގުޅިގެން ފަލަޞްޠީނުގެ ފަތަހަ ޖަމާއަތުންވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެޖަ މާއަތުގެ އިސް އޮފިޝަނެއްކަމަށްވާ މުންތަރް އަލް ހަޔަކް ވިދާޅުވެފައިވަނީ، އިޒްރޭލުގެ ހަމަލާއަކީ ފަލަޞްޠީނުގެ ރައްޔިތުންނަށް އެކި ދާއިރާތަކުންދޭ ޚިދުމަތްތަކުން އެ ރައްޔިތުން މަހްރޫމްކުރަން އިޒްރޭލުން ގަސްދުގައި ދިން ހަމަލާއެއް ކަމަށް ގަބޫލުކުރާކަމަށެވެ. އަދި، މިއީ ރަފަހް މެދުވެރިކޮށް ދުނިޔޭގެ ގައުމުތަކުން ގާޒާއަށް އެހީވަމުން އަންނާތީ ދުނިއާ ގާޒާއާއި ގުޅުން ކަނޑުވާލައި އެކަހެރި ކުރުވުމަށާއި، ރަފަހް ބޯޑަރުގެ ސަލާމަތީ ބާރު އިޒްރޭލުގެ ދަށަށް ގެންދިއުމަށް އިޒްރޭލުން ހިންގި އަމަލެއް ކަމަށް ފަތަހް ޖަމާއަތުން ބުނެފައި ވެއެވެ.
އިޒްރޭލުން މިހަމަލާގެ ޒިންމާ ރަސްމީ ސިފައެއްގައި އަދި އުފުލާފައެއް ނުވެއެވެ. އިޒްރޭލުގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ އެކަން ހިނގައިދިޔަގޮތް ބަލަމުން އަންނަކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރަފަހް ބޯޑަރުގެ ކޮންޓްރޯލް ކުރަމުންދަނީ އިޒްރޭލުންނެވެ. އިޒްރޭލުން ދަނީ ރަފަހް ބޯޑަރު ހުރަސްކޮށް ގާޒާއަށް އެހީ ހިފައިގެން ވަންނަ އދ އާއި ދުނިޔޭގެ އެހެންގަައުމުތަކުގެ ގާފިލާތަކަށް ހުރަސް އަޅަމުންނެވެ. އިޒްރޭލުގެ ބޭނުމަކީ އެހީގެ ތަކެތި ގާޒާަށް ވެއްދުން ހުއްޓުވައި ފަލަޞްޠީނުގެ ރައްޔިތުން ނިކަމެތިކޮށްލުމެވެ. ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، ވަކި ވަކި ގައުމުތަކުން ދަނީ ފަލަޞްޠީނަށް އެހީތެރިވަމުންނެވެ.
އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމުތަކުގައި 37،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި، ކާނާއާއި ބޯފެނަށް ޖެހިގެންވެސް ފަލަޞްޠީނުގެ އެތެރޭގައި މީހުންނާއި ކުޑަކުދިން މަރުވާކަމަށް ރިޕޯޓްކުރަމުންދިޔަނަމަވެސް، ރަސްމީ އަދަދުތައް އަދި ސާފެއް ނުވެއެވެ. އިޒްރޭލުގެ އުދުވާންތަކުގައި ގާޒާގެ މިލިއަނެއްހާ މީހުންގެ ގެދޮރުގެއްލި ވަނީ ހާލުގައި ޖެހިފަ އެވެ. ފަގީރު ހާލަތުގައި ގގިނަ ބަޔަކު ދަނީ މަރާއި ހަނގުރާމަ ކުރަމުންނެވެ. މީގެ ތެރޭގައި ގިނަ އަދަދއްގެ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަންހެނުން ހިމެނެއެވެ. އަދި ގިނަ އަދަދެއްގެ ކުދިން ވަނީ އާއިލާ ގެއްލި ޔަތީމުވެފަ އެވެ.



